ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލެ، ސިޓީ ކައުންސިލް ދަށަށް ބަދަލުކޮށްފި

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި މިމައްސަލައިގައި ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އަށް ދެއްވެވި ލަފާގެ މަތިންނެވެ.

މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިވައުދު ފުއްދުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މާދަމާ އިން ފެށިގެން ހިންގަމުން ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

"ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމައިފިން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި މާލެ ސިޓި ކައުންސިލްގެ މުނިސިޕަލް ހިދުމަތް ފެށުމަށްޓަކައި މިވަގުތު އާބަންކޯގެ ބެލުމުގެ ދަށުގައި ހުރި މުނިސިޕަލް ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރާނެ ކަމަށެވެ.

"ހުރިހާ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރަ އާއި އިނާޔަތްތައް [މިބަދަލާ އެކުވެސް] އެއް އަހަރު ދުވަހަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.