ހުޅުމާލެ ފަޅުތެރެއިން ހިއްކަން ބުނާ ސަރަހައްދަކީ އާބަންކޯއަށް ހަދައިދީފައިވާ ރަޖިސްޓްރީގައި ހިމެނޭ ސަރަހައްދެއް ނޫން ކަމަށާއި އެ ސަރަހައްދުގެ އިހްތިސާސް ލިބިގެންވަނީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ބިން ހިއްކުމުގެ މައްސަލައިގައި މުއިއްޒު ވާހަކަދައްކަވާފައި މިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު ގެނެސް ހުޅުމާލޭގައި ކުރޫޒް ޓާމިނަލް ހަދަން ހާއްސަ ކޮށްފައިވާ ސަރަހައްދުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އިއްޔެ މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ނޫސްތަކުގައި އިއްޔެ ކުރި ރިޕޯޓާ ގުޅިގެން އާބަންކޯ އިން ހަމައެކަނި ބުނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުންޏާއި ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެކަމަކު ބިން ހިއްކުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ދިގު ޓްވީޓެއްގައި ވަނީ ހުޅުމާލެ ފަޅުތެރެއިން ހިއްކަން ބުނާ ސަރަހައްދު ހިއްކާނަމަ ކަންބޮޑުވުން އޮތް ހަ ކަމެއް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ މާލެ ސިޓީގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަން ފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ ހިއްކަން އުޅޭ ކަމަށް ބުނާ ސަރަހައްދަކީ އާބަންކޯ އަށް ހައުސިން މިނިސްޓްރީން ހަދައިދީފައިވާ ރަޖިސްޓްރީގައި ހިމެނޭ ސަރަހައްދެއް ނޫން ކަމަށެވެ. މުއިއްޒު ފާހަގަކުރައްވާ ރަޖިސްޓްރީ އާބަންކޯ އަށް ހަދައިދިނީ މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އޭނާގެ ސޮޔާ އެކު އެވެ.
ތިންވަނަ ކަމަކަށް ފާހަގަކުރެއްވީ ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ.
ހަތަރުވަނަ ކަމަކަށް މުއިއްޒު ވިދާޅުވީ މިމަޝްރޫއަކީ ހުޅުމާލެ މާސްޓާ ޕްލޭނާ ޚިލާފު ކަމެއް ކަމަށެވެ.
"ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާ ގުޅިގެން މާސްޓާ ޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކަން،" މުއިއްޒު ވިދާޅުވި އެވެ.
ފަސްވަނަ ކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމުގެ މިމަޝްރޫއަކީ ލާމަރުކަޒީ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކުރެވޭ އަދި މާލެ ސިޓީ ކައުންސިލާ އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ކުރިއަށް ގެންދަން އުޅޭ މަޝްރޫއެއް ކަމަށެވެ.
"ޑިމޮކްރަސީއެއްގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަން،" ހަވަނަ ކަމެއް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެކަމަކު އާބަންކޯގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ގާނޫނާ ހިލާފަށް އަދި ހުޅުމާލޭގެ މާސްޓާ ޕްލޭނާ ވެސް ޚިލާފަށް، ކައުންސިލްއާ މަޝްވަރާވެސް ނުކޮށް ރައްޔިތުންގެ ހިޔާލުވެސް ހޯދުމަކާ ނުލައި ކުރަން އުޅޭ އުޅުން އިސްލާހުކޮށް، ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"މިގޮތަށް ކުރިއަށް ގެންދާނަމަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.