އާދަމް އާޒިމް

އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށްދިނުމަށް އާޒިމް އެދިވަޑައިގެންފި

ގްރޭޓާ މާލެ ސަރަހައްދު ތަރައްގީކުރުމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކޮށްދިނުމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އާޒިމް މޭޔަރު ކަމުގެ ހުވާކުރެއްވުމަށްފަހު އެ ދަރުބާރުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހި، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުން ގޯތި ދޫކުރުމަކީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ސިޔާސަތު ކަމަށެވެ. އެހެންކަމުން އެ ތަންތަނުން ގޯތި ދޫކުރުން އަވަސްކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

އާޒިމް ވަނީ މާލެ ސިޓީގެ އިހްތިސާސް ބޮޑުކޮށް މާލެ ސިޓީގެ އިހްތިސާސްގެ ތެރެއަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހި، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުވެސް ހިމަނައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. މާލެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރުމަށް ކަމަށްވެސް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ރައްޔިތުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅަށް އަމާޒުވީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް. ބްރިޖުން ގުޅާލެވޭ މިތަންތަނުގައި ބޯހިޔަވާހިކަމުގެ ހަޔާތެއް ފަށަން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ތަރައްގީކުރަން ޖެހޭނީ މާލެ އާއި ބްރިޖަކުން ގުޅިފައިވާ ރަށްތައް ކަމަށެވެ. މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި ގުޅިގެން އެތައް ބަޔަކު ކުށުގެ މާހައުލަށް ހުށަހެޅިގެންދާ ކަމަށް ފާހަގަކުރައްވަމުން އާޒިމް ވަނީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސްކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވާފަ އެވެ. އަދި މާލޭގެ ދަފްތަރުގައި ތިބި މީހުންނަށް ގޯތިދިނުން އަވަސްކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަވަސް ތަރައްގީއެއް ގެނެވޭނީ ބްރިޖުން ގުޅާލެވޭ ސަރަހައްދުތަކަށް. ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އެ ސަރަހައްދުތަކަށް ތަރައްގީ ގެނައުން" އާޒިމް ވިދާޅުވި އެވެ.