ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ބުނީ ނޫނެކޭ: ރައީސް ސޯލިހް

މި ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރަށް ދެ މަސް ނުވަނީ މާލޭ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއިން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ތަން އޮތީ ވަރަށް ކައިރީގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރި ގޯތިތައް އަވަހަށް ދިނުމަށް ގޮވާލާފަ އެވެ.

މޭޔަރު ހޮވުމަށް އިއްޔެ ބޭއްވ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ.