ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ ހިފެހެއްޓުމެއް ނެތް ތައުރީފް އާޒިމަށް، މިވަރުގެ މޭޔަރެއް ނުލިބޭނެ

މާލޭގެ މޭޔަރުގެ މަގާމަށް އާދަމް އާޒިމް ވަރުގެ އިތުރު ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހިފެހެއްޓުމެއް ނެތި އާޒިމަށް ތައުރީފް ކުރައްވައިފި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސަލްޓަން ޕާކްގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕޭންގެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް އެމްޑީޕީން އެހެން ކެމްޕޭން ތަކުގައިވެސް މަސައްކަތް ކުރާ ގޮތަށް ހުރިހާ މަސައްކަތްތަކެއް މިފަހަރުވެސް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ މިފަހަރުގެ އިންތިހާބުގައި އިތުރު "މިސްޓޭކެއް" ނުހެދުމަށާއި ވޯޓުލުމުގެ ހައްގު އޮތް ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުމެ އާޒިމް އާއި އަދި މިއިންތިހާބުގައި މާލޭގެ އެކި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

"އަޅުގަނޑުމެން މިފަހަރު މިސްޓޭކެއް ހަދައިގެން ނުވާނެ. މިއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އަތުގައި އޮތް އިންތިހާބެއް. ކުރަންވީ ކަމަކީ އެ ދުވަހު އަޅުގަނޑުމެން އެންމެން ނިކުމެ ވޯޓުލުން. އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުން މިފަހަރު ހޮވާނީ މާލޭގެ މޭޔަރަކަށް އެމްޑީޕީގެ އާދަމް އާޒިމް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މާލޭ ރައްޔިތުން ބޭނުންވަނީ ދިމާވެފައި ހުރި ދަތި އުދަނގޫ އެތައް ކަމަކަށް ހައްލު ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި، މަގުތައް ސާފުކުރުމުގެ މައްސަލަ އާއި، ޕާކިންގެ މައްސަލަ އާއި ޓްރެފިކް މައްސަލައަށް އަވަސް ހައްލުތަކެއް ބޭނުންވާ ކަމުގައި ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މިހާރު މިއޮތް މާލެ ސިޓީ ކައުންސިލުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލުވެފައިވާ ކަމަށާއި މާލެއަށް ރަނގަޅު ބަދަލެއް ގެނެވޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ސަބަބުތައް ވަރަށް ސާފު. މިހާތަނަށް މާލޭގެ މޭޔަރަކަށް ހުންނެވި ބޭފުޅާ، ދެން މިހާރުގެ ކައުންސިލް. ބޭނުންވީއަކީއެއް ގާނޫނުގައި އެބުނާ ކައުންސިލެެއް ހިންގާކަށް ނޫން. ސަރުކާރެއް ހިންގަން. ބާރުތައް ޖަމާކުރަން. ގާނޫނުގައި ނެތް އެތައް ކަމެއް އަތްދޮށަށް ގެނެސް އެކަން ކުރަން. އެއީއެއް ނޫން އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރި ގޮތަކީ،" ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކަންކުރެއްވި ގޮތަށް ފާޑުކިޔުއްވައި ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ އެމްޑީޕީން ކަމަށްވާތީ މިނިޒާމުގައި ކައުންސިލްތައް ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ވިސްނުމާއި ފިކުރާ އަދި ރައްޔިތުން ބޭނުންވާ ގޮތަށް އާދަމް އާޒިމް މާލޭގެ މޭޔަރުކަން ކުރައްވާނެ ކަމާ ދޭތެރޭ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

"މޭޔަރަކަށް އާދަމް ނިކުމެ އެ ހުންނެވީ އަޅުގަނޑު މިދެންނެވިހެން ގާނޫނީ ގޮތުން ކައުންސިލްއަށް މަތިކޮށްފައި ހުރި މަސައްކަތްތައް ކުރަން. އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަދި ނޫނިއްޔާ މިހާރު މިއޮތް ސަރުކާރަށް ޖެއްސުން ކުރާކަށްވެސް ނޫން. ރައްޔިތުންނަށް ހިދުމަތް ކުރުމަށް. އަޅުގަނޑު [ކުރިން] މިދެންނެވި ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް 19ގެ ދަތި އުދަނގޫ ދުވަސްތަކާ އެކުވެސް މާލެ އާއި މުޅި ރާއްޖެއަށް އެމަނިކުފާނުގެ ސަރުކާރުން ރަނގަޅު މަސައްކަތްތަކެއް ކޮށްދިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ބިންތައް ހިއްކައި ފްލެޓްތައް އަޅައި ބަޔަކަށް ފްލެޓް ދޫކުރި ކަމަށެވެ. ނަމަވެސް މިސަރުކާރުން އަދިވެސް އެ ފްލެޓްތައް ހަވާލުނުކޮށް ހިފަހައްޓާފައިވާ ކަމަށާއި އެ ފްލެޓްތައް ދެން ހަވާލުކުރެވޭނީ މާލޭގެ މޭޔަރަކަށް އާޒިމު ހޮވައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ، އެމްޑީޕީ މިއޮތީ މާލޭ ރައްޔިތުންނަށް އަޅުގަނޑުމެން އެ ހޯދައިދިން ގޯއްޗާއި ފްލެޓްތައް ހޯދައިދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ސަރަަހައްދުން ގޯތި ދޫކޮށް މިސަރަހައްދުގައި ފްލެޓް އެޅި ނަމަވެސް އެކަމުން އެކަނި މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށެވެ. އޭގެބަދަލުގައި މާލޭގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ވަސީލަތްތައް ގާއިމުކުރުމަށް އެތައް މަޝްރޫއެއް ފެށީ އެ މަގުސަދުގައި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އެފަދަ ގިނަ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ތުހުމަތުކުރެއްވި އެވެ.

"މުޅި ރާއްޖެ ތަރައްގީވާން ޖެހޭ. މާލެއަށް މީހުން ޖަމާވިޔަ ނުދިނުމަށްޓަކައި މާލެ ނޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްތައް ފޯރުކޮށްދެވެން އެބަޖެހޭ. އެ ނޫން ގޮތަކަށް މާލެއަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭނެ. އަޅުގަނޑުމެން ވެރިކަމުގައި ކުރަމުން ދިޔައީ އެ މަސައްކަތް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ އާއި ރާއްޖޭގެ އެތައް ސަރަހައްދެއްގައި އެތައް މަސައްކަތްތަކެއް ކުރުމަށްފަހު އެ ތަޖުރިބާގައި މާލޭގެ މޭޔަރު ކަމަށް އާޒިމު ނިކުންނަވަނީ ތަސައްވުރަކާ އެކުގައި ކަމަށެެވެ. މާލެެއަށް ދިމާވެފައި ހުރި މައްސަލަތަކަށް އާޒިމްގެ މޭޔަރު ކަމުގައި ފުރިހަމަ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި އަޅުގަނޑު ކެރިހުރެ މިދަންނަވަނީ މިރާއްޖޭގައި މިވަގުތު އާދަމް އާޒިމަށް ވުރެ މިފަދަ ކަމެއް ކުރަން އެކަށީގެންވާ އިތުރު އެހެން މީހަކު ނެތް. އަޅުގަނޑުމެންގެ ސަރުކާރުގައި އާދަމްއާ ހަވާލުކުރި ކޮންމެ ކަމެއް ކުރައްވާފައިވަނީ އެންމެ ފުރިހަމައަށް. އެންމެ ރަނގަޅަށް،" އާޒިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އާދަމް އާޒިމް އެންމެ ފުރަތަމަ އައްޔަންކުރަން ނިންމެވީ އެމްއޭސީއެލް އަށް ކަމަށެވެ. ނަމަވެސް އޭރު މާލެއަށް ދިމާވެފައި އޮތް އެއް މައްސަލައަކީ މަގުތަކުގައި އަޅާފައިވާ ހޮޅިތަކުން ނަޖިސް ބޭރުވުން ކަމަށާއި އެކަމަކު އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އާޒިމް އައްޔަންކުރެއްވުމާ އެކު އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވި ކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ޕްރައިވެޓައިޒޭޝަން ބޯޑަށް އާޒިމްގެ ނަން ފޮނުއްވައި ރައީސް ސޯލިހް ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އާޒިމް އައްޔަންކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ނިމިދިޔަ ފަސް އަހަރުގެ ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށާއި ތަފާސްހިސާބުތަކުން އެ މައުލޫމާތުތައް މިއަދުވެސް ފެންނަ އެބަހުރި ކަމަށެވެ. އަދި އެ ހުރިހާ މަސައްކަތްތަކެއް ހިންގުމުގެ ޒިންމާ އުފުއްލެވި އެއް ބޭފުޅަކީ އާޒިމް ކަމަށް ވިދާޅުވި އެވެ. އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯގެ މަގާމާ ހަވާލުވިއިރު އެ ކުންފުނިން ހިންގަނީ 20 އަކަށް މަޝްރޫއު ކަމަށާއި ނަމަވެސް މިއަދު އެމްޓީސީސީ އަކީ 100 އަށް ވުރެ ގިނަ މަޝްރޫއު ހިންގާލެވޭނެ ކުންފުންޏަކަށް އާޒިމް ބަދަލުކޮށްލެއްވި ކަމަށް ވިދާޅުވި އެވެ.

"ހަވާލުކުރެއްވި ކޮންމެ ކަމެއް ފުރިހަމައަށް ކޮށް ނިންމާލެއްވި. އެހެންވީމާ އަޅުގަނޑު މިދެންނެވީ ޓެސްޓްކޮށް، ތަޖުރިބާކޮށްފައި ހުރި ބޭފުޅެކޭ [އާޒިމް] އެއީ. މި މާލެއަށް އަޅުގަނޑުމެން މި ބޭނުންވާ ހައްލު އިރާދަކުރެއްވިއްޔާ އާދަމް އާއި އަޅުގަނޑުމެންގެ ޓީމު ގެނެސްދޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅު ނިންމަވާލެއްވީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި މާލޭގެ ވީހާވެސް ގިނަ ބަޔަކު ނިކުމެ އާދަމް އާޒިމާއި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތުމަށްފަހު އެވެ.