އާދަމް އާޒިމް

މޭޔަރު އިންތިހާބު: ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމު ހުށަހަޅުއްވައިފި

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށްޓަކައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އާދަމް މިއަދު ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމުގެ އިތުރުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މަހްލޫފް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން މާދަމާ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅުއްވަންޖެހެ އެވެ.

އާޒިމް ވިދާޅުވީ މާލޭގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި އަދި ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަނީ އެކަންކަން ހައްލުކޮށްދެވޭނެ ކަމުގެ އަމާޒުގައި ކަމަށާއި ހިތްފަސޭހަ މާލެއެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަމުގައި ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.

މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު އެކަންޏެވެ. މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (އެމްއެންއެފް)ގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވަނީ އިއުލާންކުރައްވާފަ އެވެ.