މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް އިންތިހާބުކޮށްފައިވާ ކައުންސިލަރުން މިއަދު ހުވާކުރައްވައިފި އެވެ.
މާލެ ސިޓީގެ ތިން ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބައި-އިލެކްޝަން ބޭއްވީ މިދިޔަ ޖުލައި 20 ވަނަ ދުވަހު އެވެ.
މި ތިން ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
އެގޮތުން މިއަދު ކައުންސިލަރުންގެ ގޮތުގައި ހުވާ ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އިންތިހާބީ ކައުންސިލަރު ފާތިމަތު ޝައުފާގެ އިތުރުން ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަލީ އައިމަން އެވެ.
ކައުންސިލަރުން ހުވާކުރެއްވީ ހ. މާގިރީގައި މިއަދު ހާއްސަ ރަސްމިއްޔާތެއްގައެވެ. ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.
މިރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އިންތިހާބުވި ތިން ކައުންސިލަރުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެ ބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާގައި ރައްޔިތުންނަށް ދަތިވާ ގޮތަށް ހުރި މައްސަލަތައް ފާހަގަކޮށް ކައުންސިލަށް އެ މައްސަލަތައް ގެނެސް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފްއާއި އެ މިނިސްޓްރީއާއި އެލްޖީއޭގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ އެ ދާއިރާތައް ތަމްސީލް ކުރެއްވި ބޭފުޅުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިންތިހާބުވުމުންނެވެ.