އާދަމް އާޒިމް

މަގުތަކަށް ކުނި އެޅުން ހުއްޓުވުމުގެ މަސައްކަތް ފަށައިފިން: މޭޔަރު

މާލެ ސަރަހައްދުގެ އާންމު ތަންތަނަށް ކުނި އެޅުން ހުއްޓުވުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށް މޭލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އާންމު ތަންތަނަށް ކުނިއެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ޓީމުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކައުންސިލުން މިމަސައްކަތް ކުރާއިރު އާންމު ރައްޔިތުން އެއްބާރުލުން ދިނުމަށްވެސް މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ.

މޭޔަރު ވަނީ މާލެ ސަރަހައްދުގެ އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ އެކަން ނުކުރުމަށްވެސް އެދިފަ އެވެ.

"ސާފު، ރީތި، އުޅޭ ހިތުން އުޅޭހިތްވާ މާލެއެއް ލިބޭނީ އެންމެން އެކުގަައި މަސައްކަތް ކޮށްގެން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސާފު ރީތި ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރި ނަމަވެސް މަގުތަކަށް ކުނި ނެރެފައި ހުންނަކަން ފާހަގަކުރެވެ އެވެ.