އާދަމް އާޒިމް

އާޒިމް ހުވާކުރައްވައިފި

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ހޮވިފައިވާ އާދަމް އާޒިމް މަގާމުގެ ހުވާކުރައްވައިފި އެވެ.

ދަރުބާރުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާޒިމަށް އަދި އޭނާއާ އެކު މާލެ ސިޓީ ކައުންސިލަށް ހޮވުނު ތިން ކައުންސިލަރަކަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

މަގާމުގެ ހުވާކުރެއްވުމަށްފަހު އާޒިމް އާއި ކައުންސިލަރުން ވަނީ މަގާމުގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ވަޒީރުންނާއި، އެމްޑީޕީއާއި، ޕީއެންސީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ އާޒިމުގެ އިތުރުން ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް އާއި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ހުސައިން ވަހީދު އެވެ. އާޒިމްއާއި އެންމެ ގާތުން ވާދަކުރެއްވީ އާޒިމާ އެވެ.

ލޯކަލް ކައުންސިލްތަކަށް މެންބަރުން ހޮވަން ފެށީއްސުރެ 2021 ވަނަ އަހަރާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަދި މާލޭގެ މޭޔަރުކަންވެސް ހޯދާފައިވަނީ އެމްޑީޕީންނެެވެ. ނަމަވެސް 2021 ވަނަ އަަހަރު ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރު ހޮވާ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ނިކުންނަވައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެން ހައިރާންކޮށްލުމަށްފަހު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އެ ފަހަރު ހޯދީ ޕީޕީއެމް އެވެ. މާލެ ސިޓީ ކައުންސިލްގައި މިވަގުތު މެޖޯރިޓީ އޮތީވެސް ޕީޕީއެމް ޕީއެންސީ އަށެވެ.

މާލޭގެ މޭޔަރު އިންތިހާބު އެމްޑީޕީއަށް އަލުން ކާމިޔާބުވުމަކީ އެ ޕާޓީން ދެކޭ ގޮތުގައި ކުރިއަށް އޮތް އިންތިހާބުތަކަށް ވަރަށް ބޮޑު ކާމިޔާބެކެވެ.