އާދަމް އާޒިމް

ސިޓީ ކައުންސިލާއި ސަރުކާރާ ކޯޅެން މެދުވެރިވާ އެއްވެސް ކަމެއް ނުކުރާނަން: އާޒިމް

ސަރުކާރާއި މާލެ ސިޓީ ކައުންސިލް ކޯޅެން މެދުވެރިވާ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމުގެ ޔަގީންކަން މާލޭގެ އާ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާދަމް އާޒިމް މާލޭގެ މޭޔަރަކަށް ހޮވީ އެމްޑީޕީގެ ޓިކެޓް ގައެވެ. އެހެންވެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ވެރިކަން ކުރާ ޕީއެންސީގެ ސަރުކާރާއި އާޒިމްގެ ކޯޅުން ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ އެވެ.

ނަމަވެސް އާޒިމްގެ މޭޔަރު ކަމުގައި އޭނާގެ ރިޔާސަތުގައި މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލާއި ސަރުކާރު ކުރިއަށް ދާނީ ގުޅިގެން ކަމަށެވެ. އޭނާ މޭޔަރު ކަމުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެއްވެސް ކަމެއްގައި ދަތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަންވެސް އާޒިމް ވަނީ ދެއްވާފަ އެވެ.

"ރައްޔިތުންނަށް ފައިދާވާ ފަސޭހަވާ އަދި ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭނެ އެއްވެސް ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރަށްވެސް އުނދަގުލެއް ނުކުރާނެ ކަމަށް އަޅުގަނޑު ފުރިހަމަ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.

އޭނާގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލްގެ ސަބަބުން ސަރުކާރަށް ކަމެއްގައި ދަތިވާ ކަމަށްވާނަމަ އަދި އެފަދަ ކަމެއް ކައުންސިލަރަކަށް އެނގިވަޑައިގަންނަވާނަމަ ސީދާ އެކަމެއް އޭނާއާ ހިއްސާކުރެއްވުމަށްވެސް އާޒިމް އެދިވަޑައިގެންނެވި އެވެ.

މާލެ ސިޓީ ކައުންސިލުން އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައިވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް މިއަދު ވަނީ ދެއްވާފަ އެވެ. އަދި ވިދާޅުވީ އޭނާ އަކީ އެންމެންގެ މޭޔަރަކަށް ވާނެ ކަމަށެވެ.

އާޒިމް އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރަކަށް ހޮވުނު ނަމަވެސް މާލެ ސިޓީ ކައުންސިލްގައި އޮތީ ޕީޕީއެމް ޕީއެންސީގެ ފުރިހަަމަ މެޖޯރިޓީ އެވެ.