އާދަމް އާޒިމް

އާޒިމު ހުވާކުރުން ހޯމަ ދުވަހުގެ ރޭ، ރައީސް ބައިވެރިވާނެ

މާލޭގެ މޭޔަރުގެ މަގާމަށް ހޮވިފައިވާ އާދަމް އާޒިމް އާއި މާލޭގެ ތިން ދާއިރާއަކަށް ހޮވިފައިވާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންތިހާބުގެ ރަސްމީ ލިޔުންތައް އިލެކްޝަންސް ކޮމިޝަނުން ފޮނުވުމާ އެކު ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭ ކަންކަން ފެށިގެންދާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ގަވަރުމަންޓް އޮތިރިޓީ (އެލްޖީއޭ)ގެ އިރުޝާދާ އެކު މިރަސްމިއްޔާތާ ގުޅޭ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

"އަޅުގަނޑުމެން މި ގަސްދުކުރަނީ މިރަސްމިއްޔާތަކީ ވަރަށް ހާއްސަ ބޮޑު ދަރުބާރެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސީޓީތަކުގެ މޭޔަރުންނަކީ ވަރަށް ހާއްސަ އަދި މުހިއްމު މަގާމެއް ކަމަށް ދެކިގެން އެބޭފުޅުންނަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިފައިވާ އާޒިމްއާ އެކު ގުޅިގެން ސަރުކާރަށް މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށާއި ރައީސް މުއިއްޒުގެ ވައުދުތައް ރަނުން ރަނަށް ފުއްދުމަށް މާލޭގެ މޭޔަރާއި ކައުންސިލަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލިކުރެއްވުމަށްފަހު އެވެ. މިއިންތިހާބުގައި އާޒިމަށް 7،621 ވޯޓު ލިބުނުއިރު އާޒިމާއަށް ލިބުނީ 5،031 ވޯޓެވެ.