އާދަމް އާޒިމް

އެމްޑީޕީން ފުލެޓާއި ގޯތި ދިނީ ހިކުމަތްތެރި ގޮތަކަށް: އާޒިމް

އެމްޑިޕީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތައް މިސަރުކާރަށް އަތުނުލެވިގެން އުޅެނީ އެމްޑީޕީން އެކަން ކޮށްފައި އޮތް ގޮތުގެ ހިކުމަތް ތެރިކަމުން ކަމަށް އެމްޑީޕީ މާލޭ ދާއިރާގެ ރައީސް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެެ.

އެމްޑީޕީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތައް މިސަރުކާރަށް އަތުނުލެވިގެން އުޅެނީ އެމްޑީޕީ ސަރުކާރުގައި އެކަންކޮށްފައި އޮތީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކޮށް ކަމަށްވާތީ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ގޯތިތަކަށް ލިޔުން ދޫކޮށްފައި ނެތް ނަމަ މިހާރު މިސަރުކާރުން ގޯތިތަކާ ފުލެޓްތައް ބޭނުން ބަޔަކަށް ބަހަލާނެ ކަމަށްވެސް އާޒިމު ތުހުމަތުކުރެއްވި އެވެ.

އާޒިމް ވިދާޅުވީ މާލޭ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔަވަހިކަމުގެ މައްސަލަ ކަމަށްވާއިރު މިސަރުކާރަށް އެ މައްސަލަ ހައްލުކޮށްދެވޭ ތަނެއް ނުފެންނަ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ބޭނުންވީ ރައްޔިތުންނަށް ފްލެޓާއި ގޯތި ދީގެން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށާއި އެކަމަކު މިސަރުކާރުން އެ ފްލެޓްތަކާއި އެ ގޯތިތައް ހަވާލުނުކޮށް އެތައް ރައްޔިތަކު މަގުމަތިކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއްވެސް މީހެއްގެ ގޯއްޗެއް އަދި ފްލެޓެއްވިޔަސް އަތުނުލެވިގެން އެ އުޅެނީ އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހިކުމަތްތެރިކޮށް ކޮށްފައިވާތީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމު އިތުރަށް ވިދާޅުވީ އޭނާ މާލޭގެ މޭޔަރަކަށް މިއަދު ހުންނަވާތީ އާންމު ރައްޔިތުންގެ ފަރާތުންވެސް އެންމެ ބޮޑަށް ޝަކުވާ ލިބެނީ މާލޭގެ ރައްޔިތުންނަށް ގޯތިތައް ހަވާލުކުރުން ލަސްވާތީ އެކަމުގެ ޝަކުވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަގޯތި ވަނީ ދޫކޮށްފައިވާއިރު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުންވެސް ކަނޑައެޅި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ފްލެޓް ލިސްޓަށް ބަދަލުތަކެއް ގެނެސް އާ ލިސްޓެއް ނެރުމަށް ތައްޔާރުވަމުންނެވެ.