މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުން މާލެ ސިޓީ ކައުންސިލުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ހަލާކުވެފައިހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި މީހަކު ދިން ހިޔާލަކާ ގުޅިގެން އެ މަސައްކަތް އިއްޔެ ވަގުތީ ގޮތުން ހުއްޓާލައިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ބައްދަލުވުމުގައި މީހަކު ބުނީ ކޮވިޑް-19ގެ ދަތި ދުވަސްވަރު ރައްޔިތުން އެތަން މިތަނުގައި ތާށިވެފައިވާއިރު، އެ ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެ ކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި އެތައް ދުވަހެއް ވަންދެން މަގުމައްޗަށް ދޫކޮށްލެވިފައިވާ އުޅަނދު ފަހަރު ހުއްޓާ ޖެހިގެން ހުންނަ އާންމުކޮށް ބޭނުންކުރާ އުޅަނދުވެސް ނަގައިގެން ގެންދެ އެވެ. އެހެންކަމުން ރަނގަޅު އުސޫލެއްގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަށް މޭޔަރަށް ވަނީ ލަފާ ދީފަ އެވެ.
އެ ހިޔާލާ ގުޅިގެން މޭޔަރު ނިންމެވީ އުޅަނދުތައް ނަގަމުން ދިޔައީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށްވާތީ އެކަމުގައި އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެތަކެތި ނައްތާލާނެ ކަމަށެވެ. އަދި ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.
ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަމުން ދިޔައީ މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެންނެވެ.
މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ވަރަށް ގިނަ އެވެ.