ޑރ. މުހައްމަދު މުއިއްޒު

ކައުންސިލްގެ ހަރަދުގައި މާލޭގެ ފޯރިމަރަން ފުލުހުން ނެރެނީ

މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ ހަރަދުގައި ފުލުހުން ބައިތިއްބަން ފުލުހުންގެ މުއައްސަސާއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލަށް ގެންނަ ސްޕެޝަލް ކޮންސްޓެބަލުން 24 ގަޑިއިރު މާލެތެރެ ޕެޓްރޯލްކުރަމުން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މާލޭގެ ހަ ޒޯންގައި ފުލުހުން ތިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިއީ މާލޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފަށާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. އެ ފުލުހުން ތަބާވާނީ ސީދާ ކައުންސިލްގެ ނިންމުންތަކާ އެއްގޮތަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީއަށް އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް ސަރުކާރުން ހުރަސްތަކެއް އަޅާކަން ފަހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިކަމަށް ހިނގާނެ ހަރަދުތަކާމެދު ފުލުހުންނާއެކު މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ. ސިޓީ ކައުންސިލަށް ގެންނަ ފުލުހުންނަަށް ދޭން ޖެހޭ މުސާރައާއި ހަ ޒޯނަށް ބަހާލައިގެން ޕެޓްރޯލް ކުރާއިރު ކޮންމެ ޒޯނަކަށް ބޭނުންވާނީ ކިތައް ފުލުހުންތޯ ފަދަ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާ މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ.

"އެ ބޭފުޅުން ބަލާނެ މަގުމައްޗަށް ކުނިއެޅުމާ ނުބައިތަނަކު ޕާކުކުރުމާ މިފަދަ ހުރިހާ ކަމެއް. އެމީހުންގެ މަސައްކަތަކަށް ވާނީ ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް އެކަންކަން ނުކުރުމަށް ބާރު އެޅުން. މިކަން ކުރާ އެންމެ ބޮޑު ބޭނުމަކީ އާންމު މީހަކު ބުނުމަށްވުރެ ފުލުހުންގެ ޔުނީފޯމަކު ހުންނަ މީހަކު ބުނީމަ އެ އަމުރަށް ތަބާވާނެ މީހުން،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ޖެނުވަރީ މަސް ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މަގުމަތި ބެލެހެއްޓުމަށް ޓްރެފިކް ވާޑެންގެ ގޮތުގައި މީހުން ނެރޭން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. މިކަމުގައި އުޅޭނީ ސީދާ ކައުންސިލްގެ މުވައްޒަފުން ކަން ވެސް ފާހަގަކުރެއްވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލަށް ސަރުކާރުން ދޭ ބަޖެޓުން މިފަދަ ކަންކަމަށް ހަރަދު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. އަބަދުވެސް ބޭނުންވަނީ މާލެ އަކީ އަމާން އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށެވެ.