މާލޭ ސިޓީ

ވެހިކަލް އެތެރެކުރުން ލިމިޓުކުރަން ގާނޫނެއް ގެންނަނީ

Oct 15, 2020
6

ރާއްޖެއަށް ވެހިކަލް އެތެރެ ކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، އެކަން ހުއްޓުވޭނެ ގޮތެއް ހޯދަން ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައި ވާއިރު، އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވަނީ މިއަދު ހާޒިރު ކޮށްފަ އެވެ.

އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13،000 އެއްހާ ވެހިކަލް ރާއްޖެއަށް އެތެރެކުރާ ކަމަށެވެ. އެއީ ދުވާލަކު 30 އާއި 40 އާދެމެދުގެ އަދަދެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މާލޭގެ ކެޕޭސިޓީއަށް ބަލާއިރު، މިހާރު އެތެރެ ކޮށްފައިވާ ވެހިކަލްތައް މަދު ނުކޮށް، އަންނަ އަހަރު ވެސް އެތެރެ ކުރެވޭ އިތުރު ވެހިކަލުތަކަށް މާލޭގައި ޖާގަ ނެތް ކަމަށެވެ.

ނަމަވެސް، ރާއްޖެއަށް ވެހިކަލް އެތެރެ ކުރުން ހުއްޓުވުން ނޫނީ ވަކި ކޯޓާއެއް ކަނޑައެޅުމުގެ ބާރެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަދި ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިމާޒު ވިދާޅުވީ އެ މައްސަލާގައި އިކޮނޮމިކް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގެ އަލީގައި ދާދި ފަހުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ބައެއް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެ އިސްލާހު ގެނައިއިރު، އެބައި ހިމެނިފައިވާ ނުވާކަމަށެވެ. އަދި ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާއެކު ފަހުން ކުރި މަޝްވަރާތަކަށް ފަހު، ވިސްނުން ހުރީ ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ހާއްސަ ގާނޫނެއް ވުޖޫދު ކުރުން ކަމަށާއި، އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ރައީސް އޮފީހުގެ ލީގަލް ބޭފުޅުން އެބަ ކުރައްވާ" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހުމާ ދެކޮޅަށް ހުރިހާ އިދާރާތަކުން ވަކާލާތު ކުރި އެވެ. ނަމަވެސް، ގަރާޖު ސިޓީ އުވާލުމުގައި މައްސަލައެއް ނެތް ކަމަށް ބުންޏެވެ. ނަމަވެސް، ގަރާޖު ސިޓީ އުވާލާއިރު މަގުތަކުން ޕާކިން ސްލޮޓު ދޫކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް އެ އިދާރާތަކުން ބުންޏެވެ