ހަބަރު

"ގަރާޖު ސިޓީ އުވާލާނަމަ، ޕާކިންނަށް ހަރުދަނާ ނިޒާމެއް ބޭނުންވޭ"

Oct 15, 2020

އެއްގަމު އުޅަނދެއް ގަރާޖެއްގައި ރަޖިސްޓްރީކުރުން ލާޒިމު ނުވާގޮތަށް ގާނޫނު އިސްލާހުކޮށް، މަގުތަކުގައި ޕާކު ކުރާނެ ޖާގަ ދޫކުރަން ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭނެކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފި އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައި ވާއިރު، އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވަނީ މިއަދު ހާޒިރު ކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކައުންސެލަރު އަހުމަދު ޒަމީރު ވިދާޅުވީ މާލޭގެ ގެއެއްގެ ޖާގަ، ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނުމަށްފަހު، ހަމަ އެ ޖާގަ ފިހާރައެއް ނޫނީ ސައި ހޮޓަލެއް ހިންގަން ރަޖިސްޓްރީ ކުރާ ކަމަށެވެ.

އަދި އެއް ގަރާޖެއްގައި އެތަކެއް ސަތޭކަ ވެހިކަލެއް ރެޖިސްޓްރީ ކުރުމުގެ މައްސަލަ އޭނާ ވަނީ "ބޮޑު ކޮރަޕްޝަނެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ފުލުހުންގެ ފަރާތުން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ އެއް ގަރާޖެއްގައި އެތަކެއް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަ ކުރިމަތިވަނީ، ތަންފީޒީ އިދާރާތަކަށް އެކަން ބެލެނޭ ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށެވެ.

މިގޮތުން، ވެހިކަލްތައް އަލުން ރީ ރެޖިސްޓްރީކޮށް، ނަންބަރު ބޯޑުތައް ބަދަލުކޮށް، އެ ވެހިކަލެއް ރެޖިސްޓްރީ ކޮށްދީފައިވާ ސީދާ ތަނެއް، ކަމާ ގުޅޭ ހުރިހާ އިދާރާތަކަށްވެސް އެއް ތަނަކުން ބަލައިލެވޭނެ ފަދަ ފަސޭހަ ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައި އެ އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެއުޅަނދެއް ބޭއްވުން ލާޒިމް ވެގެންނުވާ ކަމަށެވެ.

ނަމަވެސް، ސަމީރު ވިދާޅުވީ މަގުމަތީގައި ޕާކު ކުރުމުގެ ސްލޮޓުތަކެއް ނަމަވެސް ދޫނުކޮށް، ގަރާޖު ސިޓީ އުވާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ސިޓީ ކައުންސިލުގެ ފަރާތުން ވެސް ބުނީ ގަރާޖު ސިޓީ އުވާލުމުގައި މައްސަލައެއް ނަމަވެސް، ވެހިކަލްތަކަށް މަގުމަތިން ވިޔަސް، ޕާކިން ޒޯނަކުން ވިޔަސް ވަކި ސްލޮޓެއް ދޫކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް، އެކަން ކުރުމުގައި ރަނގަޅު ވިސްނުމެއްގެ ތެރެއިން ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް ބުންޏެވެ.

ގަރާޖު ސިޓީ އުވާލުމަށްފަހު، މަގުމަތިން ސްލޮޓު ދޫކުރުމުގައި ފީއެއް ނެގެންޖެހޭކަމަށް ހުރިހާ އިދާރާތަކުން ވެސް އިއްތިފާގުވި އެވެ.

ނަމަވެސް، އެ ފައިސާ ނުދައްކާ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް، އެކަމަށް އެކުލަވާލެވޭ އުސޫލެއްގައި ބަޔާންކުރަންޖެހޭކަމަށް ބުންޏެވެ.

މިގޮތުން، ވެހިކަލް ރަޖިސްޓްރީކޮށްދެވޭ ސްލޮޓަކަށް ފައިސާ ނުދައްކާތާ ހަ މަސް ދުވަސް ފަހުން، ރެޖިސްޓްރޭޝަން ބާތިލު ކުރެވޭގޮތަށް ހެދުމަށް ހުށަހެޅުނެވެ.

"މާލެ އަދި އަތޮޅު ތެރޭގައި ވިޔަސް، ގަރާޖުނެތް ހާލަތެއްގައި ދައްކާ ސްލޮޓަކުން ރަޖިސްޓްރީ ކުރެވިގެން ހަ މަސް ފައިސާ ނުދައްކައިފިނަމަ، އެ އުޅަނދެއް ދައުލަތުގެ ބެލުމުގެ ދަށަށް ނެގުން ނޫނީ ރެޖިސްޓްރޭޝަން ބާތިލުކުރުން. ފައިސާ ނުދައްކާނަމަ ދެން ހެދޭނެ ގޮތެއް އޮންނަންޖެހޭ،" ސަމީރު ވިދާޅުވި އެވެ.