ރައްޔިތުންގެ މަޖިލިސް

ދަތުރުފަތުރާ ގުޅޭ ދެ ބިލްގެ ސުންގަޑި ކަނޑައަޅައިފި

ދަތުރުފަތުރާ ގުޅޭ ދެ ބިލަކަށް އިސްލާހު ގެނައުމުގެ ސުންގަޑި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ކަނޑއަޅައިފި އެވެ.

ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލްތަކުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކަނޑައަޅާފައިވާ ދެ ބިލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގާނޫނާއި ކަނޑުގައި ދުއްވާ އުޅަދުތައް ދުއްވުމާ ބެހޭ ގާނޫނެވެ.

މި ދެ ބިލަށް ސުންގަޑި ކަނޑައެޅުމަށް މަޝްވަރާއަށް ހުޅުވާލުމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވީ މަޖިލީހުގެ ރިސެސް ނިންމުމަށްފަހު އެއްމަސް ދުވަސް ހަމަވާ ދުވަހަކީ ބިލް ނިންމަން ޖެހޭ ސުންގަޑި ކަމަށެވެ. އެއީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

އޭނާގެ ހުށަހެޅުމަށް މާފަންނު ހުނޅަގު ދާއިރާ މެމްބަރު މުހައްމަދު ފަލާހް ވަނީ ތާއީދު ކުރައްވާފަ އެވެ. އެ ހުށަހެޅުމަށް ވޯޓަށް ހުޅުވާލުމުން އެއްވެސް މެމްބަރަކު އެ ހުށަހެޅުން ފާސްކުރުމަށް އިއުތިރާޒު ކޮށްފައި ނުވާތީ ދެ ބިލްގެ މަސައްކަތް ސެޕްޓެމްބަރު 15 ގައި ކުރިން ނިންމަން ވަނީ ފާސްވެފަ އެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނަކީ ކައުންސިލްތަކަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނުތަކެކެވެ.

ލާމަރުކަޒީ ކޮމިޓީގައި މިއަދު ވަނީ އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތައް ދިރާސާކޮށް ނިންމާނެ ސުންގަޑި ވެސް ކަނޑައަޅާފަ އެވެ. އެގޮތުން އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ މައްސަލަ ނިންމަން ވަނީ ފާސްކޮށްފަ އެވެ.

އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ނަންތައް

  • އަޒްހާ ޒަމީރު / މ. ލިލީޒް
  • އައިމިނަތު އަލީ / ދަފްތަރު
  • ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
  • ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
  • އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ

އެލްޖީއޭގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފަ އެވެ. އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.