ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަތުރުފަތުރުގެ ހިދުމަތްތައް ކައުންސިލުން ދޭ ބިލް ތަސްދީގު ކުރައްވައިފި

އެއްގަމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ދިނުމުގެ ބާރު ކައުންސިލްތަކަށްދޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހުގެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދު އެވެ.

އެ ބިލަކީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ކަމާގުޅޭ ގަވައިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

އެކަމާއި ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި އުސޫލުތައް އެކަމަށް ހަދާ ގަވާއިދުގައި ހިމެނުމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިއު ކުރަންޖެހެ އެވެ.