ރައްޔިތުންގެ މަޖިލިސް

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ: ކޮމިޓީ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިހެން ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި އެ ރަށު ކައުންސިލުން އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީ އާއި ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ސިޓީއެއްގެ ދަރަޖައަކަށް ބޭނުންވާ ހުރިހާ ޝަރުތެއް ތިނަދޫގައި ހަމަވާ ކަމަށް ކައުންސިލުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެވޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ ސިޓީ އެއްގެ ދަރަޖަ ދިނުމަށް ގިނަ ޝަރުތުތައް ތިނަދޫގައި ހަމަވާ ކަމަށެވެ. ނަމަވެސް އެ ރަށުގެ ރަޖިސްޓްރީ ކޮށްފައިވާ އާބާދީ 10،000 އަށްވުރެ މަދުކަމަށާއި ކައުންސިލުން ފޮނުވި ސިޓީގައިވާ ގޮތުން ރަށުގައި ދިރިއުޅޭ އާބާދީއަކީ 12،000 ކަމަށެވެ. ސިޓީއެއްގެ ދަރަޖަ ދޭއިރު ބަލަނީ ރަޖިސްޓަރީ ކޮށްފައިވާ އާބާދީއަށް ކަމަށާއި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އާބާދި މަދުވެފައި އޮތީ މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމަށް ގިނަ ބަޔަކު ރެޖިސްޓްރީން ކެނޑުމުން ކައުންސިލުން ބުނެފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުގުނީ ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ވަރަށް އާބާދި ހަމަނުވާ ކަމަށް ދެއްކި ކަމުގައިވިޔަސް ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. އެހެންކަމުން އަސްލު އާބާދީ ޔަގީންކުރާކަން ނޭންގޭނެ ކަމަށާއި ދިރިއުޅޭ އާބާދީ 12 ހާހަށްވުރެ މަތީގައި އުޅޭނެ ކަމަށެވެ.

މެމްބަރު މުގުނީގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ތިނަދޫ ދެކުނު ދާއިރާގެމެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ތިނަދޫގައި ސިޓީއެއްގެ ހުރހާ ކަމެއް ފުރިހަމަ ކަމަށެވެ. އެހެންކަމުން ސިޓީއެއްގެ ދަރަޖަ ލިބެނެ ޖެހޭނެ ކަމަށެވެ.

"ތިނަދޫއަކީ ގިނަ ބަޔަކު އެކި ބޭނުމުގައި ދަތުރުކުރާ ރަށަކަށްވާއިރު ސިޓީއެއްގެ ދަރަޖަ އެ ރަށަށް ލިބިގެން ދިޔުމަކީ މުޅި އަތޮޅަށް ލިބޭ ބޮޑު ކުރިއެރުމެއް." ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ތާއީދުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު ޢަލީ ނިޔާޒް ވިދާޅުވީ ސިޓީގެ ޝަރުތުތައް ފުރިހަމަވާ ރަށްތައް އެ ދަރަޖަ ދިނުމަށް ތާއިދުކުރައްވާ ކަމަށާއި ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް ސިޓީގެ ދަރަޖަ ދިނުމަށް ގާނޫނުގައި ވަކި ޝަރުތުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނަށް ބަދަލުތަކެއް ގެންނައިރު ރަނގަޅު ދިރާސާއެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ރަޖިސްޓާޑް އާބާދީއަށް ދިރިއުޅޭ މީހުންގެ އަދަދަށް ބަލާފައި މުނިސިޕަލްތައް ހިދުމަތްތައް ދިނުމަށް އެކުލަވާލާފައިވާ އިދާރާގެ އޮނިގަނޑު ބަދަލުކޮށް ހިންގުން ބަދަލުކުރާ ކަމަށްވާނަމަ އެމީހުންގެ ވޯޓުލުމުގެ ހައްގަށްވާނީ ކިހިނެއްތޯ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ވަކި ޝަރުތުތަކަކާ އެކު ސިޓީއެއްގެ ދަރަޖަ ދިނުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެގޮތުން އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިނީ ޖެނުއަރީ 1، 2020 ގައި ހދ. ކުޅުދުއްފުށްޓަށެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުޅުދުއްފުށީގެ އިތުރުން މާލެ، އައްޑޫ އަދި ފުވައްމުލަކަށެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރިއިރު ސިޓީއެއްގެ ދަރަޖަ ލިބެނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 25،000 އަށް އެރުމުންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދޭން ބޭނުންވުމުން ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ސިޓީއެއްގެ ދަރަޖަ ދެވޭ އާބާދީ 10،000 އަށް ދަށްކުރީ އެވެ.