ގދ. ތިނަދޫ

ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅުއްވައިފި

ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަމަށް ރައީސް ސޯލިހް މިރޭ އިއުލާންކުރެއްވީ ތިނަދޫގައި މިހާރު ކުރިއަށްދާ އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާވެސް ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެމަނިކުފާނު ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ގަރާރުގައި މިއަދު މާލޭގައި ވާނީ ސޮއި ކުރައްވާފައިވާ ކަމަށެވެ.

"ތިނަދޫއަކީ ރާއްޖޭގައި ގާއިމުކުރެވުނު ފަސްވަނަ ސިޓީ، މަރުހަބާ ތިނަދޫ ސިޓީ،" ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ އެކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތިނަދޫ ސިޓީ އަކަށް ހެދުމަށްޓަކައި ލާމަރުކަޒީ ގާނޫނުގައި ބުނާ ހުރިހާ ޝަރުތެއް ތިނަދޫއަށް ފުރިހަމަވެފައިވާ ކަމަށް އެމަނިކުފާނަށް ލަފާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެމަނިކުފާނަށް ފޮނުވި ސިޓީއެއްގައިވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ލިބޭ ޝަރުތުތައް

  • ސިޓީއެއްގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން
  • ޓާޝަރީ ހޮސްޕިޓަލެއް ހުރުން
  • ކޮމާޝަލް ހާބަރެއްގެ ހިދުމަތް ލިބެން ހުރުން.
  • ބޭންކެއްގެ ހިދުމަތް ލިބުން
  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް ހިމަނައިގެންނަމަ ސިޓީގެ މައި ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށަކަށްވުން
  • ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ހާސިލްކުރެވޭނެ މަރުކަޒެއް ހުރުން

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.

އެންމެ ފަހުން އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ތިނަދޫގެ އާބާދީ އަކީ 8،000 ވަރަކަށް މީހުންނެވެ. އެހެންނަމަވެސް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މިއަދު އަވަސް ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް، ގާނޫނުގައި ބުނާ މިންވަރަށް އެ ރަށުގައި މިހާރު ވަނީ އާބާދީ ހަމަވެފަ އެވެ.

ރާއްޖޭގައި މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ތިނަދޫގެ އިތުރުން ރާއްޖޭގެ ވެރިރަށް މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށްޓަށެވެ.