ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭނުންވަނީ ނޮވެމްބަރު 11ގައި މުއިއްޒު ހުވާކުރެއްވުން: ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށްވާނަމަ ޑރ. މުއިއްޒަށް އެ ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަން ބަދަލުވަމުން އައީ ނޮވެމްބަރު 11 ގައި ކަމަށްވާތީ އެ ދުވަހު އިންތިހާބީ ރައީސް ހުވާކުރެއްވުމަށް ބޭނުންވާ ކަމަށެވެ.

"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަގެންދަން. ގާނޫނީ ގޮތުން އެއަށް ހުރަހެއް ނެތް ކަމަށްވަންޏާ ނޮވެމްބަރު 11 ގައި އެ ބަދަލުވެގެންދާނެ. ގާނޫނީ ހުރަހެއް އޮތްތޯ ނެއްތޯ އަޅުގަނޑު ބަލަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނުއްސުރެއް ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަމުން އައީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ރިޔާސީ އިންތިހާބު ތިންވަނަ ފަހަރަށް ބާއްވަންޖެހުމާ ގުޅިގެން އެ އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން ވަނީ ނޮވެމްބަރު 17 އަށް ފަސްވެފަ އެވެ. ގާނޫނީ ގޮތުން އެ ބަދަލު އައީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު ހުކުމާއި ގައިޑްލައިންގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގައެވެ.

ސުޕްރީމް ކޯޓުން 2013 ގައި ނިންމާފައިވާ ނިންމުމާ ގުޅިގެން ރިޔާސީ ދައުރު މިހާރު ގުނަނީ ނޮވެމްބަރު 17 ގައެވެ.

ގާނޫނުއަސާސީއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެހެން ބައެއް ބޭފުޅުން އޭގައި އަމަލުކުރައްވަންޖެހޭ ގޮތްތަކެއް ހުރުމުން އެކަން އެގޮތަށް ނުހިނގާނަމަ އިންތިހާބީ ރައީސް ނޮވެމްބަރު 11ގައި ހުވާކުރެއްވުމަށް ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑު އިސްތިއުފާ ދިނަސް ނައިބް ރައީސް އިސްތިއުފާ ދިނަސް އަދި އެބައޮވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެދަނީ. އެހެންވެއްޖިއްޔާ އެކަންވެސް އެބަކުރަންޖެހޭ. ގާނޫނީ ގޮތުން އެކަން ޕްރޮސެސް ކުރާ ކަމަށްވަންޏާ. އެހެންކަމުން އެ ހުރިހާ ކަމެއް ކޮށްގެން އެހިސާބަށް ނުދެވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ ގާނޫނީ ގޮތުން މީގައި އޮތް ހައްލެއް ހޯދޭތޯ އަޅުގަނޑުމެން މިބަލަނީ. އަޅުގަނޑު އެދެނީ ހަމަ ނޮވެމްބަރު 11 އެއީ ސަރުކާރު ބަދަލުވާ ދުވަސްކަމުގައިވުން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ 126،842 ވޯޓް ހޯއްދަވާފަ އެވެ.