ރައީސް އޮފީސް

އިންތިހާބީ ރައީސްގެ އޮފީސް ހިންގާނެ ތަނެއް ދީފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދަވާފައިވާ "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"ގެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯގެ ފަސްވަނަ ފަންގިފިލާ ހަމަޖައްސައިފި އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އުފެއްދެވީ މިހިނގާ އޮކްޓޫބަރު ފަސްވަނަ ދުވަހު އެވެ.

މި އޮފީހުގެ މަސައްކަތްތައް މިއަދުން ފެށިގެން ރަސްމީކޮށް ކުރިއަށްދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން ވަނީ ވިދާޅުވެފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސް ކުރެއްވުމަށްޓަކައި "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން"ގެ މަގާމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބޭފުޅަކު އައްޔަންކުރައްވަންޖެހެ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޕީއެންސީގެ ޗެއާޕާސަން ލ. ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.