ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މި ވަގުތު ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.