އަބްދުއްރަހީމް އަބްދުﷲ

ލޮލަށް ފެންނަ ތަރައްގީ އަންނަ އަހަރު ފެންނާނެ: އަބްދުއްރަހީމް

އަންނަ އަހަރަކީ ލޮލަށް ފެންނަ، އަތްލެވޭ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެންނާނެ އަހަރެއްކަން ޔަގީންކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއް އަހަރު މިއަދު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އެއް އަހަރަކީ ސަރުކާރަށް ގޮންޖެހުން ބޮޑު އެއް އަހަރު ކަމަށެވެ. އެކަމަކު ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ސިފަކުރެއްވި އެވެ.

"ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރައްވައިފި،" އަބްދުއްރަޙީމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އަދި ލޮލަށް ނުފެންނަ އެއްޗަކަށް އެއްޗަކަށް ވެދާނެ ކަމަށާއި އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

މިސަރުކާރުގެ ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗަކަށް ނުވެދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ކަށަވަރުކުރުމަށާއި، ދީނީ ވަހްދަތު ހިމާޔަތްކޮށް ގައުމިއްޔަތު ދިރުވާ އާލާކުރުމަށާއި މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރި ބޮޑެތި މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ރައީސް ޑރ. މުއިއްޒު އެޅުއްވި އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެކަން ނިމުކަމަށް ގެނެސްފައިވާތީ އޭގެ ހެޔޮ ނަތީޖާ މަޑުމަޑުން ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޑިޕްލޮމެސީގެ ރީތި އުސޫލުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލީވެސް ރައީސް މުއިއްޒު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވާ ގައުމުގެ މައިގަނޑު އަސާސްތަކަށް އިހްތިރާމް ކުރާ، އެންމެންނާއެކު ގުޅުން [ރައީސް މުއިއްޒު] ގުޅުން ގާއިމުކުރެއްވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ކާމިޔާބު ވެރިކަމެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އެމަނިކުފާނު އިންނެވުން އެއީ ފަޚުރެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި އިސްކަން ދެއްވަނީ ގައުމީ މަސައްކަތްތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ގޮންޖެހުންތަކާއި ކުރިމަތިލާން އިންނަ ތަނެއް. ފާޑުކިޔުމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ކަންބޮޑުވާކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.