ޕީއެންސީގެ ހުރިހާ އަމާޒެއް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ ވަގުތަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަކީ ޕީއެންސީގެ ބޭފުޅެއް ނަމަ އެ ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދެވިދާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީއެންސީ ތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް އަބްދުއްރަހީމް ވާހަކަ ދެއްކެވި އެވެ.
މަޖިލިސް ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ނިކުންނަވާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ލިބުނު ތާއީދަށް ވުރެ ބޮޑު ތާއީދަކާ އެކު ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ހުރިހާ އަމާޒެއް އޮތީ ރައީސް މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދީ އެ ޝަރަފު ލިބިވަޑައިގަންނަވާ ފުރަތަމަ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"ޕީއެންސީ އިން މިދަނީ އެ މަސައްކަތްތައް ކުރަމުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ޕީއެންސީއަށް ލިބެމުންދާ ކާމިޔާބީތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އަދި ކުރިއަށްވެސް އޮތީ ޕީއެންސީއަށް ކާމިޔާބު ދުވަސްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
ވާދަވެރި ސިޔާސީ ލީޑަރުންނަށްވެސް އަބްދުއްރަހީމް ވަނީ އިލްތިމާސެއް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ޒާތީ ނުވެ އެ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޕީއެންސީ ދަތުރުކުރަނީ އެ މަގުން ކަމަށެވެ.
އަބްދުއްރަހީމް އާއި ރައީސް މުއިއްޒާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އޮތް ގާތްކަމަށްވުރެ މިހާރު އޮތް ގުޅުން މާގާތް ކަމަށެވެ.
"އަޅުގަނޑާއި ރައީސް މުއިއްޒު އެކުގައި ބައްދަލުވެ ވާހަކަދެކެވި ކުރެވޭ އިތުބާރު ވަނީ ބޮޑުވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.