ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ސިޔާސީ މުވައްޒަފުން މަދުކުރަންވީ ގޮތުގެ ލަފައެއް ދީފި

ސަރުކާރުގެ ފަށާފައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަންޖެހޭނަމަ އެކަން ކުރަންޖެހޭ ގޮތުގެ ލަފައެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރައްވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެެރިކަން ކުރާ ޕާޓީ -- ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ރައީސްއަށް އެރުވި ލަފައާ މެދު ގޮތެއް ނިންމަންޖެހޭނަމަ އެކަން ކުރައްވާނީ ސީދާ ރައީސް އަމިއްލަފުޅަށް ކަމަށެވެ.

"އެ ލަފައާއި އެއްގޮތަށް ކަންކަން ތަންފީޒް ވާނީ ކޮންއިރަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަން ނިންމާނީ ރައީސް،" އަބްދުއްރަޙީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމަށް ދިވެހި ރައްޔިތުންނަށް ދެރައެއް ލިބޭ ކަމެއް އަދި ރައްޔިތުން މާޔީސްވާ ވަރުގެ ކަމެއް ރައީސް މުއިއްޒު ނުނިންމަވާނެ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑެތި މައްސަލަތަކާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް މިކަން ކުރަމުން ދާއިރުވެސް ސިޔާސީ މުވައްޒަފުން މަދުކުރަމުން ނުދާތީ ސަރުކާރަށް ބައެއް މީހުން ވަރަށް ބޮޑަށް ފާޑުވެސް ކިޔަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދެެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތައް މިހާރު އުޅެނީ 2،000 އަށް ވުރެ މަތީގައެވެ.