އަބްދުއްރަހީމް އަބްދުﷲ

ރައީސްގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުފޯރުވޭނެ: އަބްދުއްރަހީމް

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އެއްވެސް މީހަކަށް ބާރު ނުފޯރުވޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބު ވުމަކީ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު އެނގިގެންދާ ކަމެއް ކަމަށެވެ. އެ އިތުބާރު ރައީސް ދަމަހައްޓަވާނެކަން ފާހަގަކުރައްވަމުން އަބްދުރްރަހީމް ވިދާޅުވީ މީހަކު ކިތަންމެ ޒާތީވިޔަސް މިއަދުގެ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމުގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރުވެރިކަން އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ކަމަށް ގަބޫލުކުރުން ކަމަށެވެ.

"ރައީސް ޔާމީނަށް ރައީސް މުއިއްޒު ގޯސްވީ ތިމަންނާގެ މައްޗަށް އެހެން މީހަކަށް ބާރެއް ނުހިގާނެއޭ ވިދާޅުވީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑރ މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމުން ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަށް ނިންމެވުމުން، އެޖަލްސާ ނުބާއްވާ ފަސްކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އެ ޖަލްސާ ރައީސް ޑރ. މުއިއްޒު ބާއްވާފައިވާ ކަމަށްވެސް އަބުދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ ނިމިގެން ދިޔަ ރައްޔިތުންގެމަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް މިސަރުކާރަށް ރައްޔިތުން ދީފައިވަނީވެސް ރައީސް މުއިއްޒަށް ރައްޔިތުން ވަރަށް ބޮޑަށް އިތުބާރު ކުރާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަސްވާސް ދީގެން ވަރަަށް ގިނަ ކަންކަން ކުރަން ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. އެފަދަ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޕީއެންސީގެ މަޖިލިސް މެމްބަރުން ރައްޔިތުން ނިންމި ގޮތުގައި ސާބިތުވެ ތިއްބެވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ދައުލަތާއި ސަރުކާރު ހިމާޔަތްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ރަައްޔިތުން މަޖިލީހުގެ މެމްބަރުން ރައީސް މުއިއްޒަށް ވަފާތެރިވުމަށާއި، ގައުމަށް އިހުލާސްތެރި ވުމަށާއި، އަދި ރައްޔިތުންނަށް ޖަވާބުދާރީވުމަށްވެސް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.