ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބައިބައިކޮށްލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގުވައްޓާލައި އިތުބާރު ގެއްލުވާލުމަށް ބަޔަކު ގެންދަނީ ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކަމުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާއި އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންވެ އެކަން ބަލައި ނުގަނެވިގެން ރައީސް މުއިއްޒުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ހަބަރުތަކުން އެ ބަޔަކު ފަޟީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އިންޝާالله އެފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލެއް ނުވާނެ. ރައީސް ޑރ. މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިއަށް،" ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދިފާއުގައި އަބްދުއްރަހީމް ވާހަކަދެއްކެވުން އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.