ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް ބޭނުންވާ 80 މިލިއަން ޑޮލަރު -- 1.2 ބިލިއަން ރުފިޔާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހޯދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ވީއައިއޭ ތަރައްގީކުރުމަށް އިތުރަށް ބޭނުންވި 80 މިލިއަން ޑޮލަރަކީ އޭޑީއެފްޑީ އިން މިސަރުކާރުން ކުރިން ހޯދާފައިވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެން މިނިސްޓަރަށް ރައްދުދެއްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ވީއައިއޭ ތަރައްގީކުރަން އިތުރަށް ބޭނުންވި 80 މިލިއަން ޑޮލަރުގެ ވާހަކަ އަމީރު ދެއްކެވީ މިފައިސާ ހަމަޖެހިގެން ދިޔައީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެން މިފައިސާ ހަމަޖައްސަވައިދެއްވުމަށް އަބޫދާބީގެ އިސްވެރިންނަށް ދެންނެވުމުން ކަމަށް ވިދާޅުވެ އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
މިނިސްޓަރު އަމީރަށް ރައްުދެއްވާ އަބްދުއްރަހީމް ވަނީ ރޯމާ ދުވާލު ބޮޑެތި ދޮގުހައްދަވާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯއޭ ވިދާޅުވެ އަމީރަށް ސުވާލެއް ކުރިމަތިކުރައްވާފަ އެވެ.
"ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ވަރަށް ސާފުކޮށް އިބޫ ސޯލިހްގެ ސަރުކާރުގެ އޮޅުވާލުމާ މަކަރާ ހީލަތް ރައްޔިތުން ބަލައިނުގަންނަކަން އެ އޮތީ ރީތިކޮށް ފެންނަން،" ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ ރައީސް ސޯލިހްގެ ސަރުކާރުން ހޯދި ފައިސާ ނޫން ކަމަށެވެ. އެ ފައިސާ ހޯއްދެވީ ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހު ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައިވެސް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ވީއައިއޭ މަޝްރޫއަށް ސައުދީ ފަންޑުންވެސް މިދިޔަ އޮކްޓޫބަރު މަހު އިތުރު 100 މިލިއަން ޑޮލަރު -- 1.5 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.
ވީއައިއޭގެ މަޝްރޫއު ނިމުމުން އަހަރަކު ގާތްގަނޑަކަށް 7.2 މިލިއަން ފަތުރުވެރިންނަށް އެތަނުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.