މާލޭގައި ހުރި އަތޮޅުފިހާރަތަކަށް ލިބޭ އާމްދަނީ އެ އަތޮޅަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްދު ދެއްވައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މާލޭ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"މާލޭގައި ހުރޭ އަތޮޅުފިހާރަތަކެއް. އެހެން ނަމަވެސް އެ އަތޮޅުފިހާރަތަކަށް ލިބެމުންދިޔަ ފައިސާ އަތޮޅުތަކާ ހަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން ނިންމާފައި މިހާރު ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އެ އަތޮޅުފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާ ގޮތަށް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާ އަމީރު ވިދާޅުވީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ އިތުރުން މުޅިން އަލަށް ވެހިކަލްތަކުން ލިބޭ ފީ އެ ވެހިކަލް ދުއްވާ ރަށަކަށް، ސިޓީއަކަށް މިދިޔަ ސަރުކާރުގައި ދޭން ފަށާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރާއި ހަވާލުވިއިރު އަތޮޅު ފިހާރަތަކަށް 2014 ވަނަ އަހަރުފަހުން ލިބުނު އާމްދަނީ ކައުންސިލްތަކާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކުރިން ނުދެވި ހުރި ކައުންސިލް އާމްދަނީ އަތޮޅު ކައުންސިލް މެދުވެރިކޮށް ދެމުން ދިޔަ ކަމަށެވެ.
މީގެ އިތުރުން އަތޮޅު ފިހާރަތަކަށް ލިބޭ އާމްދަނީ އެއްކޮށް ކައުންސިލްތަކާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2022 ވަނަ އަހަރު ނިންމެވިކަން އަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.
"ރައީސް ސޯލިހް ނިންމެވީ ކުރިން 50 ޕަސަންޓް ދެމުން އައި އާމްދަނީގެ ބަދަލުގައި ލިބޭ އާމްދަނީ އެއްކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް. އެނިންމެވުމާއެކު 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އައީ އަތޮޅުފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުން،" އަމީރު ވިދާޅުވި އެވެ.