ރިޔާސީ އިންތިހާބު 2023

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ރައީސް ސޯލިހް މިއަދު ބައްދަލުކުރައްވާ ތަހުނިޔާ ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު -- ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހާއްސަ ކޮމިޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރު އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށެވެ. އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ރޭ އިއުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، އެ މަނިކުފާނަށް ރައީސް ސޯލިހް ގުޅުއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި އިންތިހާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ ވަރަށް ރަނގަޅަށް ކަމުގައި މުއިއްޒު ފާހަގަކުރެއވި އެވެ. މީގެއިތުރުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިއުމަށް ބޭނުންވާ އެއްބާރުލުން އެ ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.