އިލެކްޝަންސް ކޮމިޝަން

މިއީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިހާބު: އީސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބަކީ އިލެކްޝަންސް ކޮމިޝަން -- އީސީ އިން މިހާތަނަށް ބޭއްވި އެންމެ އިންސާފްވެރި އަދި މިނިވަން އިންތިހާބު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ އެންމެ މިނިވަންކަމާއި އެކު އަދި އެއްވެސް ބިރުވެރިކަމެއް ނެތި ކުރިއަށް ގެންދެވުނު އިންތިހާބެއް ކަމަށެވެ.

"މިއީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު، އެއްވެސް ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި ތަޅާފޮޅުމެއް ނެތް އިންތިހާބެއް. ގާނޫނުއަސާސީއާ އެއްގޮތަށް، މިހާތަނަށް އަޅުގަނޑުމެންނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިހާބު،" ހަބީބު ވިދާޅުވި އެވެ.

ކުރީގެ އިންތިހާބުތަކުގައި ބަލިވާ ކެންޑިޑޭޓުން އީސީއަށް ގިނަ ތުހުމަތުތަކެއް ކުރާކަން ފާހަގަކޮށް ހަބީބު ވިދާޅުވީ މިފަހަރު އެފަދަ އެއްވެސް ތުހުމަތެއް އައިސްފާ ނުވާ ކަމަށާއި ދެއްކެވީ ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ 54.04 ޕަސަންޓެވެ. މުއިއްޒުއާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތަ އެވެ.