ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި އެވެ.

އިންތިހާބީ މައި މަރުކަޒު -- ދަރުބާރުގޭގައި މިރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީ ނަތީޖާ އިއުލާންކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ 54.04 ޕަސަންޓެވެ. މުއިއްޒުއާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތަ އެވެ.

ރިޔުާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާފައިވަނީ 246،915 މީހުންނެވެ. އެއީ ވޯޓުލާ އާބާދީގެ 87.31 އިންސައްތަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ އެންމެ ގިނަ ބާތިލް ވޯޓުލީ އިންތިހާބެވެ. އެގޮތުން މިއިންތިހާބުގައި 7،888 ވޯޓަކީ ބާތިލް ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް ދެވަނަ ބުރުގައި އިތުރު 12 ފޮށްޓާ އެކު ޖުމްލަ 586 ފޮށި ބަހައްޓާފައިވެ އެވެ. އެއީ މާލެ ސަރަހައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ ސަރަހައްދެއްގައި އެއް ފޮށްޓެވެ.

މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލާނެ އެވެ.

މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަކަށް ޑރ. މުއިއްޒު ވަޑައިގަތީ 101،635 ވޯޓާ އެކު އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހް ވަޑައިގަތީ 86،161 ވޯޓާ އެކު އެވެ.