ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެންނާނެ: ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ޕާޓީއާ އެކު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިއޮތް ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަކުރުމަށްޓަަކއި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެމަސައްކަތްތައް ކުރުމުގައި ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށާއި އެމަނިކުފާނުވެސް އެމްޑީޕީގައި ހުންނާނެ ކަމަށެވެ.

ރައީސް ސޯލިހް ކުރިންވެސް ވިދާޅުވި ގޮތަށް އެމަނިކުފާނު މިއަދުވެސް ވިދާޅުވީ ރިޓަޔާ ކުރައްވާނެ ކަމަށް ދެންނެވީ ރިޔާސީ ދެވަނަ ދައުރަކަށް ފަހު ކަމަށްވާތީ ސިޔާސީ މަސައްކަތްތަކުގައި އަދި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެން ވާދަނުކުރައްވާނެ ކަމަށް ފާހަަގަކުރައްވާ ރައީސް ވިދާޅުވީ މިވަގުތު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމްޑީޕީ އަލުން އެކަތިގަނޑަކަށް ހަދައި އެމްޑީޕީ ވަރުގަދަ ކުރަން ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ މެދު ނިންމަވާ ގޮތްތަކެއް ނިންމަވާނީ އޭގެ ފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުންނާނީ އެމްޑީޕީއާ އެކު. އެމްޑީޕީގެ ލީޑަޝިޕާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއާ ފައްކާކުރަން. އެމްޑީޕީ ބަލިވެ ހަލާކުވެގެންދާ ތަން ބަލާކަށް ނުހުންނާން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ރައީސް ސޯލިހް ވިދާޅުވީ އެކަމުގައި ގޮތް ނިންމާނީ އެމްޑީޕީން ކަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ އެމްޑީޕީއަށް ވަކި މީހަކު މުހިއްމު ނޫން ކަމަށާއި ފާއިތުވި ދުވަސްތަކުގައި އެމްޑީޕީން ހޯދި ކާމިޔާބީތަކުން އެކަން އެނގޭ ކަމަށެވެ.