ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަރުލަމާނީ ޕެޓިޝަނަށް ސަރުކާރުގެ ބަހެއް ނެތް

އެމްޑީޕީން އެދޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބާރު އެޅުމުގެ ގޮތުން އެ ޕާޓީގެ ތެރެއިން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ސަރުކާރުން އަޅައެއް ނުލި އެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަނާއި ގުޅޭ ގޮތުން އަވަސް އިން މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާ ސުވާލު ކުރި އެވެ. ނަމަވެސް ވިދާޅުވީ އެކަމާ ގުޅޭގޮތުން މި ވަގުތު ސަރުކާރުގެ ބަހެއް އަދި ނެތް ކަމަށެވެ. އަދި ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވީ "ރައީސް ސޯލިހު ކުރިން ވިދާޅުވާ ގޮތަށް ސަރުކާރުގެ ފޯކަސް ހުރީ ވައުދުތައް ފުއްދަން" ކަމަށެވެ.

އިއްޔެ ސޮއި ކުރަން ފެށި ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ސޮއި ކުރުން ފެށުމަަށް ބޭއްވި ހަފުލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ބައިވެރިވެފައި ވެއެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައި ވަނީ "ވީހާވެސް ގިނަ ބޭފުޅުން ޕެޓިޝަންގައި ސޮއި ކޮށް ދެއްވުން ވަރަށް އެދި ވަޑައިގަންނަވާ" ކަަމަށެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފަ އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައި ވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވާފަ އެވެ.