ވެރިކަމުގެ ދައުރު ނިމުމުން ރާއްޖެ ދޫކުރައްވައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލުނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެހެންކަމުން ހަޔާތުގެ ބާކީ ދުވަސްތަކުގައިވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށެވެ.
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ދިރިއުޅޭނީ ރާއްޖޭގައި އިރާދަކުރެއްވިއްޔާ. އަދި އަޅުގަނޑުގެ އުފަން ރަށުގައި އާއި މާލޭގައި. އެހެނަސް ރާއްޖެއިން ބޭރަށް މީހުން ދަތުރުކޮށް އުޅޭ. އެގޮތުން ބައެއް ފަހަރު އަޅުގަނޑު ރާއްޖެއިން ބޭރަށް ދަތުރެެއް ކޮށްލާނަން. އެކަމަކު ރާއްޖެ ދޫކޮށް އަޅުގަނޑު ދިރިއުޅުން ބަދަލުކޮށް އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. ހަމަ މާލޭގައި ރާއްޖޭގައި ދިރިއުޅޭނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާވަރުގެ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ކޮންމެ ކަމެއްވެސް ކުރައްވާފައި އޮންނާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތްތަކުން ރިޓަޔާކުރެއްވުމަށް އަދި ނިންމަވާފައި ނުވާ ކަމަށެވެ. އޭގެބަދަލުގައި މިވަގުތު ބޮޑަށް އިސްކަން ދެއްވަނީ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމުގައިވެސް ވިދާޅުވި އެެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސިޔާސީ މަސައްކަތްތަކުން ރިޓަޔާ ކުރައްވާ ދުވަހަކުންވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެފަދަ ކަންކަން ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ކޮންޓްރިބިއުޓް ކޮށްދެވޭނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ ތެރޭގައިވެސް އުޅެފައި ހުރި މީހެއް އަޅުގަނޑަކީ. މިއިން ބޭފުޅަކު އަޅުގަނޑަށް ކޮލަމެއް ދެއްވައިފިއްޔާ އަޅުގަނޑު ދޭތެރެއަކުން ލިޔެލާނަން ކޮންމެވެސް އެއްޗެއް. އެކަންވެސް އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑަކީ އަނެއްހެން ފޮޓޯވެސް ނަގާ މީހެއް. ކެމަރާ ހިފައިގެން މަގުމަތީގައިވެސް އަޅުގަނޑަށް އުޅެލެވޭނެ އިނގޭތޯ. މިކަހަލަ ކިތަންމެ ކަމެއް، ވޮލެންޓިއާ އެކަހަލަ ކިތަންމެ ކަމެއް، މާބުރާ މަސައްކަތެއް ނޫން އަޅުގަނޑު ކުރަން ނިންމާފައި އޮތީކީ،" ރައީސް ވިދާޅުވި އެވެ.