ގދ. ތިނަދޫ

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މައްސަލަ މަޖިލީހަށް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށު ކައުންސިލުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާތީ އެކަމުގައި އަމަލު ކުރެވިދާނެ ގޮތުގެ މަޝްވަރާއަކަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލުން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ މަސައްކަތުގެ ތެރެއިން އެލްޖީއޭގެ ބޯޑާ އްްދަލު ކުރައްވާ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ކޮށްދިނުމަށް ތިނަދޫ ކައުންސިލަރުން، އެލްޖީއޭއަށް ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ތިނަދޫ ކައުންސިލްގެ ހުށަހެޅުމަށް ރަސްމީ ސިފައެއް ގެނައުމުގެ ގޮތުން އެ ކައުންސިލުން ފަހުން ވަނީ އެލްޖީއޭ އަށް ރަސްމީ ސިޓީއެއް ވެސް އެ މައްސަލައިގައި ފޮނުވާފަ އެވެ. އެ ސިޓީ ފޮނުވާފައި ވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.

ތިނަދޫ ކައުންސިލްގެ ސިޓީއާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭގޮތުން އެލްޖީއޭ އަށް ކުރެވިދާނެ ކަންކަމުގައި މަޝްވަރާ ވެސް ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޯޑު މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ތިނަދޫ ކައުންސިލްގެ ހުށަހެޅުމާ ގުޅިގެން އެކަމުގައި އަމަލުކުރެވިދާނެ ގޮތުގެ މަޝްވަރާ އަކަށް ރައްޔިތުންގެ މަޖިލީހުގައި އެދުމަށް ނިންމާފަ އެވެ. އަދި މިމަހުގެ ނުވަވަނަ ދުވަހު އެލްޖީއޭ އިން ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރުމަށް ހުށަހަޅާފަ އެވެ. އެކަމަކު މަޖިލީހުގެ ކަމާ ގުޅޭ ބައްދަލުވުމެއް އަދި މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މީގެކުރިން އަވަސް އަށް ވިދާޅުވީ ތިނަދޫގައި ދިރިއުޅޭ މީހުންގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 15،000 ގައި ކަމަށާއި އެހެންްކަމުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ނުލިބޭންވީ ސަބަބެއް ނެތް ކަމަށެވެ. ތިނަދޫ އަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިހާރު ވެސް ނިސްބަތުން ކުރިއަރާފައި އޮތް ރަށަކަށްވާތީ ތިނަދޫގެ ތަރައްގީގެ ދުވެލި އަވަސް ކުރެވެން އޮތީ ސިޓީއެއްގެ ދަރަޖަ ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިމަސައްކަތް ހުއްޓުމެއް ނެތި ކުރާނަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ނުލިބޭންވީ ހަމަ އެއްވެސް ސަބަބެއް ނެތް،" ސައުދު ވިދާޅުވި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ވަކި ޝަރުތުތަކަކާ އެކު ސިޓީއެއްގެ ދަރަޖަ ދިނުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެގޮތުން އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިނީ ޖެނުއަރީ 1، 2020 ގައި ހދ. ކުޅުދުއްފުށްޓަށެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުޅުދުއްފުށީގެ އިތުރުން މާލެ، އައްޑޫ އަދި ފުވައްމުލަކަށެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރިއިރު ސިޓީއެއްގެ ދަރަޖަ ލިބެނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 25،000 އަށް އެރުމުންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދޭން ބޭނުންވުމުން ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ސިޓީއެއްގެ ދަރަޖަ ދެވޭ އާބާދީ 10،000 އަށް ދަށްކުރީ އެވެ.