ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަލްސަން އަހްމަދު ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
މުލިއާގޭގައި އޮތް ރަސްމިއްޔާތެއްގައި އަލްސަންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި ޕީއެންސީގެ އާ ޕާލިމެންޓްރީ ގުރޫޕްގެ އިސް ބޭފުޅުންނާއި ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ކަމަށް ވާނެ ކަމަށް ބެލެވޭ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލްސަން ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭނާ އަކީ 20 ވަނަ މަޖިލީހުގައި އެންމެ ހަގު މެންބަރެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި އަށް ބޭފުޅަކު ކުރިން ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ އަލްސަންއާ އެކު ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 75 އަކަށް އިތުރުވެފަ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.