ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވާއިރު މެދުޒިޔާރަތް މަގު ބަންދު

ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު އެޖެންޑާކޮށްފައިވާތީ އެ ދުވަހުގެ ހެނދުނުން ފެށިގެން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނިމެންދެން މަޖީދިއްޔާ ސްކޫލުގެ އިރުދެކުނު ސޯސަން މަގާ ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ހުޅަނގު ދެކުނު ކަނާ ހަމައަށް މެދުޒިޔާރަތް މަގު ބަންދުވާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވުމަށް ހަމަޖެހިފައިވާތީ ފެބްރުއަރީ ތިނެއްވާ ބުރާސްފަތި ދުވަހު ހެދުނު ހަޔަކުން ފެށިގެން މި ރަސްމިއްޔާތު ނިމެންދެން މަޖީދިއްޔާ ސްކޫލުގެ އިރުދެކުނު ސޯސަން މަގާ ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ހުޅަނގު ދެކުނު ކަނާ ހަމައަށް މެދުޒިޔާރަތް މަގު ބަންދުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ ފެބްރުއަރީ ތިންވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ކަމަށެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.