ރިޔާސީ ބަޔާން

"ހަތަރު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު މެދުތެރޭ ފެށޭނެ"

ހަތަރު އެއާޕޯޓެއްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަހަރު ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެޅުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓުތަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށިގެންދާނެކަމަށެވެ.

ރައީސް ވަނީ ހުވަދު އަތޮޅުގައި ހަދަމުންދާ ހަތަރުވަނަ އެއާޕޯޓު -- ގދ. ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މާޗު މަހުގެ ތެރޭގައި ހުޅުވާނެކަން ވެސް އިއުލާނުކުރައްވާފައެވެ. އަަދި ހއ. ހޯރަފުށި އެއާޕޯޓު ހުޅުވިފައިވާކަމާއި، ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓުގެ އެކްސްޕޭންޝަންގެ މަސައްކަތް ކުރިއަށްދާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

"ދިވެހި ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް އެދަނީ ކުރިއަށް. ހޯރަފުށި އެއާޕޯޓު ހުޅުވިއްޖެ. މިއަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭނެ،" ރައީސް ވިދާޅުވިއެވެ.

މ. މުލި އަދި ފ. މަގޫދޫގެ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށާއި ރ. އަލިފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓުގެ އިތުރުން ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކާއިއެކު މުޅި ރާއްޖެވައިގެ މަގުން ގުޅާލެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ އިތުރަށް ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރެވޭ އެއާޕޯޓާއި ދެން ވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓުތަކާއެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލާ ނިމޭނެ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ މިއަރުގެ ފަހު ކުއާޓާގައި ރަންވޭގެ މަސައްކަތް ނިންމުން ކަމުގައެވެ. އަދި އައްޑޫ ގަން އިންޓާނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެ ކަން ވެސް ރައީސް ސޯލިހު އިއުލާނު ކުރެއްވިއެވެ.

"މިއި ރާއްޖޭގެ އެންމެ އުތުރާ އެންމެ ދެކުނަށް އަހަރަކު ޖުމުލަ 2.8 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރްއްގީކުރެވޭ ބައިނައްލަގުވާމީ ޒަމާނީ ދެ އެއާޕޯޓު،" ރައީސް ފާހަގަކުރެއްވިއެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމާ ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރު އެެވެ.