އަދުލު އިންސާފު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ޝަރުއީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ ކޯޓު އިމާރާތްތައް އެޅުއްވުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ ކުރިއަރުވައި ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އިތުރު މަސައްކަތްތައް ވެސް ކުރައްވާނެ ކަމަށާއި، ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އުންމީދު ބޮޑުވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ހައްލުކުރުމަށް ވެސް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އަތޮޅު ތެރޭގައި އިތުރު ކޯޓު އިމާރާތްތަކުގެ މަސައްކަތް އެ ދަނީ ހިނގަމުން، އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ގެންދިއުމަށް ސަރުކާރުން އިސްކަން ދެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ވަސީލަތުގެ ދަތިކަން ކަމަށެވެ. އަދި އަލަށް އިމާރާތްކުރާ ކޯޓު ކޮމްޕްލެކްސް އާއިއެކު މި މައްސަލައަށް ހައްލެއް ލިބެގެން ދާނެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެށުނު ދައުރަށް ހުށަހަޅާނެކަން އިއުލާނުކުރައްވާފަ އެވެ.
"ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ހުށަހެޅިގެން ދާނެ،" ރައީސް ވިދާޅުވިއެވެ
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްތައް އިދިކޮޅު ކޯލިޝަނުން އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު އެ ބިލްތައް ބޭރުކޮށްލަނީ އެވެ.
މިހާރު ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ރައީސްގެ މެމްބަރަކަށް ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.