ޝަރުއީ ދާއިރާ ރިފޯމް ކުރުން

ރާއްޖޭގައި ސާކިޓް ކޯޓް ހަދަނީ

Feb 4, 2021
1

ސާކިޓް ކޯޓް ތައާރަފް ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2021 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށްޓަކައި ސާކިޓް ކޯޓް ތައާރަފު ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެ ގޮތުން ސާކިޓް ކޯޓް އުފެއްދުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސާކިޓް ކޯޓަކީ ވަކިތާކު ގާއިމުވުމެއް ނެތް ކޯޓެވެ. އެ ކޯޓްގެ ފަނޑިޔާރުން އެކި ތަންތަނަށް ދަތުރުކޮށް އެ ތަނެއްގައި ނުވަތަ އެ ރަށެއްގައި ހުރި މައްސަލަތައް ބަލާ ހުކުމް އިއްވަވާނެ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް އޮންނަ ނިޒާމެކެވެ.

މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، އަދުލު އިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް. ފަނޑިޔާރުގެ އިސްލާޙުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ރިޔާސީ ބަޔާން 2021

މި ސަރުކާރު ވެރިކަމަށް އައި ފަހުން ޝަރުއީ ނިޒާމަށް ވަނީ ބޮޑެތި ބަދަލެއް ގެނެސްފައެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ސުޕްރީމް ކޯޓްގެ މުޅި ބެންޗު އެކީ ވަނީ ބަދަލު ކުރައްވާފައެވެ. އަދި ހައިކޯޓާއި ކްރިމިނަލް ކޯޓްގެ ގިނަ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފައެވެ. ބައެއް ކޯޓްތަކުގައި މީގެ ކުރިން މި ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންވެސް އެބަ ތިއްބެވިއެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ބޭފުޅުން އެބަ ތިއްބެވިއެވެ. މީގެ ކުރިން ކޯލިޝަންގެ ޕާޓީތަކުގެ އިސްވެރިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުޅީން ބަދަލު ކުރަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެރިކަމަށް ވަޑައިގެން އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވެރިކަން ލިބުނު ފަހުން އެ ވާހަކަ މުޅީން ހުއްޓަވާލެއްވިއެވެ. އަދި އެ ބޭފުޅުން ޖޭއެސްސީގައި ތިއްބެވި ނަމަވެސް ސިޔާސީ ވެވަޑައިނުގަންނަވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.