ޖުޑިޝަރީގެ ނިމުން ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ނެރުނު އަމުރުން ކަމަށާ މިއަދު ސުޕްރީމް ކޯޓް އެއްކޮށް ފުނޑާލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ "ހިބަރު ވަދު" މިނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީނގެ ވެރިކަން ނިމުމުނު ފަހުން އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓް ފުނޑާލީ މި ސަރުކާރުގެ ވެރިން ގުޅިގެން ކަމަށާ އެ ޖަރީމާ ހިންގިއިރު މީގެ ކުރިން ޖުޑިޝަރީގެ ދިފާއުގައި ވާހަކަ ދެއްކެވި އެއްވެސް ވަކީލަކު ފެނިވަޑައިނުގެންނެވި ކަމަށެވެ. ރާއްޖޭގައި މިހާރު އޮތީ ތިން ބާރުވަކިވެފައިވާ ރިޔާސީ ނިޒާމެއް ނޫން ކަމަށާ އެކަން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާމެދު އަމަލު ކުރެވިގެންދިޔަ ގޮތުން ސާފުކޮށް އެނގިގެންދާ ކަމަށެވެ.
ރައީސް ޔާމީން މިރޭވެސް ވިދާޅުވީ 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށެވެ. އަދި އެއީ "ވަގަށް" ނެގި އިންތިޚާބެއް ކަމަށް ވިދާޅުވެ މިއަދު ފެންނަމުންދަނީ އެކަމުގެ ހިތި ނަތީޖާ ކަމަށް ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ނުފޫޒުތަކުގެ ތެރެއިން ނެރުނު އަމުރެއް ކަަން އޭރުގެ އިދިކޮޅު ލީޑަރުންގެ ވާހަކަތަކުން ހާމަވާ ކަމަށެވެ. އަދި ރައީސް މައުމޫނާއި، ގާސިމް އިބްރާހިމް ވަނީ އެ އަމުރުގެ ކުރިން އެކަމާ ގުޅުވައި ވާހަކަ ދައްކަވާފައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އޭރު ދެންނެވިން ބަޣާވަތްފުޅެކޭ. އަޅުގަނޑު މިރޭ ދަންނަވާނަން، އެ ކޭތައިގެ ބަޣާވާތަކީ ހަގީގަތުގައިވެސް މިއަދުގެ ޖުޑިޝަރީގެ ނިމުން ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން. ޖުޑީޝަރީގެ ނިމުން އެކަންޏެއް ނޫން. ހުރިހާ ބާރުތަކެއް 'އަންބޮޑި'އަށް ކަވާލުމުގެ ފުރުސަތު މިދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު. އެހެންވީމަ އެކަން ހިންގި ޚާއިނުންނަށްވުރެ ބޮޑެތި ޚާއިނުން ތިބޭނެތޯ." ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރުންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކަށް ރައީސް ޔާމީންގެ ސަރުކާރުން ބޯލަބާފައިނުވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވާތީ އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ "ތަނަކުން ނުކުންނަހާ އަމުރަކަށް ތަބާވާ މީހެއް ނޫން" ކަމަށެވެ.
"އަބްދުއްﷲ ސައީދު [ކުރީގެ އުއްތަމަފަނޑިޔާރު] ވެސް އަޑަށް ލެވުނު ބާރެއް ލައްވާފައި ވިދާޅުވި ކުރިން ތިއްބެވި ހުރިހާ ރައީސުންވެސް ތިމަން ދެއްކި ވާހަކަ އަޑުއެހިއޭ. އެކަމަކު ރައީސް ގަބޫލެއް ނުކުރޭ. ބަލަ އެއީ ރައީސް ޔާމީނުގެ މުސްތަޝާރެއް ނޫނޭ. ކީއްވެތަ އެމީހުން ދައްކާ ވާހަކަ ރައީސް ޔާމީން ގަބޫލުކުރަން ޖެހެނީ."
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގައުމުގެ ވެރިކަމާއި ހަވާލުވީ ވަކި ބަޔަކު ބުނާހާ ގޮތަކަށް ގައުމުގެ ކަންކަން ހިންގުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ނިކުންނެވީ ރައްޔިތުންގެ ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު އޭރު ދެންނެވިން ބަޣާވަތްފުޅެކޭ. އަޅުގަނޑު މިރޭ ދަންނަވާނަން، އެ ކޭތައިގެ ބަޣާވާތަކީ ހަގީގަތުގައިވެސް މިއަދުގެ ޖުޑިޝަރީގެ ނިމުން ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން. ޖުޑީޝަރީގެ ނިމުން އެކަންޏެއް ނޫން. ހުރިހާ ބާރުތަކެއް 'އަންބޮޑި'އަށް ކަވާލުމުގެ ފުރުސަތު މިދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު. އެހެންވީމަ އެކަން ހިންގި ޚާއިނުންނަށްވުރެ ބޮޑެތި ޚާއިނުން ތިބޭނެތޯއަބްދުﷲ ޔާމީން | ކުރީގެ ރައީސުލްޖުމްހޫރިއްޔާ
ރައީސް ޔާމީންގެ ސަރުކާރުގައި ޖަލަށް ލެވުނު ސިޔާސީ ބޮޑެތި ބޭފުޅުން މިނިވަންކުރުމަށް ގޮވާލާ ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރަކީ ސިޔާސީ މައިދާނަށް ބޮޑު ލޮޅުމެއް ގެނައި އަމުރެކެވެ. އެ އަމުރަށް ތަބާވުމުގެ ބަދަލުގައި އޭރުގެ ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އޭރުގެ އެންމެ އިސް ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ. އަދި އުފުލުނު ދައުވާތަކާއި ގުޅިގެން އެ ބޭފުޅުންގެ މަގާމު ވަނީ ގެެއްލިފައެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ދެން ތިއްބެވި ތިން ފަނޑިޔާރުންވެސް ވަނީ މަގާމުތަކުން ދުރުކޮށްފައެވެ. ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު ދީދީ މަގާމުން ވަކިކުރީ ޖޭއެސްސިން އެދިގެން މަޖިލީހުގައި ނެގި ވޯޓަކުންނެވެ. ފަނޑިޔާރު އަރީފްވެސް ވަނީ ވަޒީފާގެ ބިރު ބޮޑުވެފައިވަނިކޮށް މަގާމުން ދުރަށް ވަޑައިގެންފައެވެ.
އެކަމަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ބޮޑު އަމުރު ނެރުނު ފަނޑިޔާރުން މަގާމުތަކުން ދުރުކުރީ އެ ފަނޑިޔާރުންނަށް "ފެންކައްކާ ބޮލީގެ އިއްޒަތް" ދިނުމަށް ފަހު ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާނީ ހުރިހާ ހިބަރެއް ބާނާ ނިންމައިފިއޭ. އަދި މި ހިބަރު ވަދު ތައްޔާރުކުރި މީހުން، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ކަންކަން އުދަނގޫވެގެން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އުފުލަން ދަތިވެގެން އާދޭސް ކުރެއްވި، ކަހާ ހިރުވާލާ މީހަކުވެސް ނެތޭ.. ނިމިގެންދިޔައީ ކިހިނެތްތޯ. ނިމިގެންދިޔައީ ދިވެހިރާއްޖޭގެ ޝަރަފްގެ ލަގަބުން ލިބޭނެ އެންމެ ބޮޑު ލަގަބު މި ބޭފުޅުންނަށް ލިބިގެން. 'ފެނުކައްކާ ބޮލީ' ގެ ލަގަބް. އެހިސާބަށް ކަންކަން މިދިޔައީ ދެއްތޯ. އެކަމުގެ ސަބަބުން ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ހުދުމުހުތާރު ވެރިކަމަކަށް ފުރުސަތު މި ލިބުނީ."
ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ފަނޑިޔާރުން ވަކިކުރުމަކީ އެމްޑީޕީން މިއަދު އެކަނި ކުރަން ރާއްވާފައި އޮތް ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް ނައިނަމަ ޖެހިގެން އައި ދުވަހު ކޯޓްތައް ފުނޑާލާ، ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޮތީ ރާވާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.