ހަބަރު

ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމީންގެ ހުކުމަށް ނުފޫޒު ނުފޯރުވިގެން: އަދުރޭ

Nov 5, 2019
4

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނުކުރެވިގެން ކަމަށް، އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.

ހައިލަމް ސަސްޕެންޑްކުރިއިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން އޮތީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމެވެ. އެ ޝަރީއަތް މިހާރު ވަނީ ކެންސަލްކޮށްފަ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީ އާއި ޕީޕީއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ގާޒީ ހައިލަމާ ދެކޮޅަށް މީގެ ކުރިން ހުށަހެޅިފައިވާ ސުލޫކީ މައްސަލާގައި ފިޔަވަޅެއް ނާޅާ ސަރުކާރުން އެ މައްސަލަ ބޭނުންކުރަމުންދިޔައީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

"ޖުޑީޝަރީއަށް ނުފޫޒު ފޯރުވޭނީ މިހާވަރަށް. ގާޒީ ހައިލަމް ސަސްޕެންޑްކުރީ ސުލޫކީ މައްސަލައެއް އޮވެގެންނެއް ނޫން. މީގެ ކުރިން ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ނުބަލައި އެ ބޭނުންކުރީ ހަތިޔާރެއްގެ ގޮތުގައި. ގާޒީ ހައިލަމްގެ ކަރަށް މަޅިގަނޑު އެއްލައިގެން ދަމާލަ ދަމާލަތިބީ. ވަކި ގޮތަކަށް ހުކުމް ކުރަން އެ މައްސަލަ ބޭނުންކުރަން. ދެން އެގޮތަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ލިބިވަޑައިނުގަތީމަ ފިޔަވަޅު އެޅީ،" އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަން އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސް ނެގިއިރު، ކާޓޫނެއް ޝެއާކޮށްގެން ފިޔަވަޅު އެޅަން 24 ގަޑިއިރުވެސް ނުނެގި ކަމަށެވެ.

އެކަމުންވެސް އެނގިގެންދަނީ، ހައިލަމް ސަސްޕެންޑްކުރީ ސުލޫކީ މައްސަލައެއް އޮވެގެންނޫން ކަމަށާއި، އެކަން ކުރީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވަންކަމަށް އަދުރޭ އިތުރަށް ތުހުމަތު ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކުރިމަތީގައި ލައިވްކުރި ޝަރީއަތުން، ރައީސް ޔާމީނަށް ހުކުމެއް ކުރެވޭނެ ޖާގައެއްނެތްކަން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ލައިވްކުރި ޝަރީއަތެއްވީމާ، ކަންކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ. އެހެންވީމާ އެ ބޭފުޅުންނަށް ވަރަށް ދަތިފުޅުވެއްޖެ ނުފޫޒު ފޯރުވައިގެން ކަންކަން ކުރިއަށް ގެންދަން. ސުލޫކީ މައްސަލަ ބަލައިގެން އެހެން ގޮތަކަށް އެކަން އަނބުރާލަން ކުރި މަސައްކަތެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި އިސްލާމް ދީން ހިމާޔަތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހުވަޔާ އެމަނިކުފާނު ހިލާފުވެފައިވާކަމަށް ވަރަށް ސާފު ކަމަށެވެ.

އެހެންކަމުން، ގާނޫނު އަސާސީއާ ހިލާފުވެ، ރައީސްކަމުގެ ޝަރުތު ގެއްލިފައިވާކަމަށް ކަނޑައަޅައިދެއްވުމަށް އަބްދުއްރަހީމް މިއަދު ވަނީ ސުޕްރީމް ކޯޓަށާއި، އުއްތަމަ ފަނޑިޔާރަށް އިލްތިމާސް ކުރައްވައިފަ އެވެ.