ސިޔާސީ ދައުވާތަކެއް ކޮށްގެން ނުހައްގުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ކުރިން މިނިވަން ކުރަން ދިވެހި ސަރުކާރަށް ބާރުއަޅައި ދިނުމަށް އަވަށްޓެރި ގައުމުތަކަށް އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިދިޔަ ހަފްތާގައި ތާއީދު ކޮށްފައިވާއިރު، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި ހުންނެވީ، ސިޔާސީ ދައުވާތަކެއް ކޮށްގެން ކަމަށެވެ.
އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށް، ސިޔާސީ ކުލެޖެހިފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުރަސްއަޅަމުންދާ ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.
"ރައީސް ޔާމީން ދިގު މުއްދަތަކަށް ޖަލަށްލުމުގެ އިތުރުން އިދިކޮޅުގެ ލީޑަރުން ގެންދަނީ ތަކުރާރުކޮށް ހައްޔަރުކޮށް، ޖަލަށް ލަމުން،" އިތުރަށް ވިދާޅުވި އެވެ.
އެހެންކަމުން، މުޅި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން، ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ބާރު އަޅައިދިނުމަށް، އަވަށްޓެރި ސްރީލަންކާ، އިންޑިއާގެ އިތުރުން ޕާކިސްތާނުގެ ލީޑަރުން ސީދާ ޓެގްކުރައްވައި، ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ގޮވާލައްވައިފަ އެވެ.
ރައީސް ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައި، ހައިކޯޓުން ކުރި ހުކުމަކީ ބާތިލުހުކުމެއް ކަމަށްބުނެ، ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމައިފަ އެވެ.