ހަބަރު

ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުވައިދޭން އެދިއްޖެ

Nov 19, 2019
9
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އިއްޔެ މަގާމުން ވަކިކުރި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް އަރީފް: ރައީސް ނަޝީދު އިސްވެ ހުރެ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
0%
0%
0%

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ގާނޫނު އަސާސީއާ ހިލާފަށް މި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވައި ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ބޭރުކޮށް އާ ފަނޑިޔާރުން އައްޔަނުކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ މަޖިލީހުގައި އޮތް މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމާއެކު، އެ މައްސަލަ އަލުން ނުބަލައި، މިނިވަން ބެންޗަކުން އެ މައްސަލަ ބެލުމަށް އިދިކޮޅުން ގޮވާލި ގޮވާލުމަށް ބީރު ކަންފަތެއްދީފައިވަނީ، ރައީސް ޔާމީނަށް ވަކި ގޮތަކަށް ހުކުމް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ޔާމީނުގެ މައްސަލައިގެ ހުކުމް މިމަހުގެ 28 އަށް ތާވަލުކޮށްފައިވާއިރު، އެ ދުވަހު ކުރާ ހުކުމަކީ އިންސާފުވެރި ހުކުމަކަށް ނުވާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނަޝީދު އިންނަވައިގެން، މަޖިލީހުގެ މެޖޯރިޓީގެ ބޭނުންހިއްޕަވައި، ފަނޑިޔާރުންނަށް ބިރު ދައްކައިގެން، މުޅި ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި، 2012 ގެ ކުރިން އޮތް އެމްޑީޕީ ވެރިކަމުގެ އަނދިރި ދުވަސްތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އިދިކޮޅުން އިތުރަށް ބުނީ، އެ ފަދަ ހާލަތެއްގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ކުރުމުގެ މާހައުލެއް ފަނޑިޔާރުންނަށް ނެތް ކަމަށެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345