ހަބަރު

ޖޭއެސްސީ ބަދަލުކުރުމުގެ ވައުދާ ހިލާފުވެއްޖެކަމުގެ ތުހުމަތު

Oct 27, 2020
2

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ބަދަލު ކުރަން އިދިކޮޅުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލާފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ ހިލާފަށް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ނަމަވެސް، އިސްލާހު ބަލައިނުގަންނަން މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، އޭގެ ކުރިން އެ އިސްލާހާމެދު ކުރިއަށް ދިއަ ބަހުސްގައިވެސް އެމްޑީޕީގެ މެންބަރުން ބައިވެރިވެފައެއްނުވެ އެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ޖޭއެސްސީގެ އެކުލަވާލުމަށް އެމްޑީޕީން ބޭނުންނުވުމަކީ ތިން ބާރު އެއްކޮށް މުޅި ދައުލަތް ކިލަނބު ކުރުމަށް ކުރާ މަސައްކަތް އިތުރަށް ބޭޒާރުވި ކަމެއް ކަމަށެވެ.

"2020 ވަނަ އަހަރުގެ ކުރިން ޖޭއެސްސީގެ ފޯމޭޝަން އިސްލާހު ކުރާނެކަމުގެ ވައުދާ ރައީސް ސޯލިހު ވަނީ ހިލާފުވެފައި،" ސައީދު ވިދާޅުވި އެވެ.

އެ ބިލުގައި ތޯރިގު ވަނީ ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އިސްލާހު ކުރަން ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތޯރިގު ވަނީ އެ މާއްދާ އިސްލާހުކޮށް، ޖޭއެސްސީގައި އަށް މެންބަރުން ތިބޭ ގޮތަށް ހުށަހަޅުއްވައިފަ އެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ނަމަވެސް، ތޯރިގު ވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ބަދަލުގައި އޭނާ ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ހިމެނުމަށެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.