ހަބަރު

ޖޭއެސްސީ ބަދަލުކުރާ ބަހުސްގައި އެމްޑީޕީ ބައިވެރިއެއް ނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ބަދަލު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވާފައިވާ އިސްލާހަށް މިއަދު ކުރެވުނު ބަހުސްގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބައިވެރިއެއް ނުވި އެވެ.

ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެ އިސްލާހާ ގުޅޭގޮތުން މިއަދު ކުރެވުނު އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވާފައިވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް މާހިރުން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

"ހިތާމައަކީ މިއަދާ ހަމައަށްވެސް އެއިން އެއްވެސް ކަމެއް ތަންފީޒުވެފައިނެތުން ނޫނީ ބަލައިގަނެ، އެކަމަށް އަމަލުކުރެވިފައިނެތުން،" އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފް އުމަރު ވިދާޅުވީ މި އިސްލާހާއެކު ފަނޑިޔާރުގެ މުގުރުން އިންސާފު ގާއިމުކުރުމުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. އަދި އެއީ ތަހުޒީބީ ގައުމުތަކުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތްތައް ބަލައިގެން ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޝަރުއީ ނިޒާމަށް މި ސަރުކާރަށް ނުފޫޒު ފޯރުވަން ފުރަތަމަ ޓަކިޖަހާ ދޮރަކީ ޖޭއެސްސީކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ބަހުސްގައި ބައިވެރިނުވި ނަމަވެސް، އިދިކޮޅު މެންބަރުންގެ ވާހަކަތަކުގެ ތެރެއިން އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާތައް ނަގައިގެން ބަހުސަށް ހުރަސް އަޅައިފަ އެވެ. ކުރީ ސަރުކާރުގައި ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާއިރު، ޝަރުއީ ނިޒާމުގެ މިނިވަންކަމުގެ ވާހަކަ މިހާރުގެ އިދިކޮޅު މެންބަރުން ވާހަކަ ނުދެއްކުމަށް ބުނެ ނިޒާމީ ނުކުތާތައް ނެގި އެމްޑީޕީ މެންބަރުން ވަނީ ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.

ނިޒާމީ ނުކުތާތައް ނަގަން ފެށުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް ނިސްބަތް ކުރައްވައި، "ކެތްތެރިވެވަޑައިގަންނަވަން" އެދިވަޑައިގެންފަ އެވެ.

ދެވަނަ ފުރުސަތެއް ހޯއްދަވައިގެން އެ މައްސަލަ ހުށަހެޅުއްވި ތޯރިގު ވަނީ ނިޒާމީ ނުކުތާތައް ނެގުމުގެ ބަދަލުގައި، ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިދިކޮޅު މެންބަރުންގެ ވާހަކަތަކަށްފަހު އިތުރު މެންބަރަކު ފުރުސަތުތަކަށް އެދިފައިނުވާތީ ނަޝީދު ވަނީ އެ މައްސަލައިގެ އިބްތިދާއީ ބަހުސް ނިމުނީކަމަށް އިއުލާނު ކުރައްވައިފަ އެވެ.

އަދި މިއަދުގެ ވޯޓު ގަޑީގައި، އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމަން ވޯޓަށް އަހާނެކަމަށް ވިދާޅުވެފަ އެވެ.

އެ ބިލުގައި ތޯރިގު ވަނީ ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އިސްލާހު ކުރަން ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތޯރިގު ވަނީ އެ މާއްދާ އިސްލާހުކޮށް، ޖޭއެސްސީގައި އަށް މެންބަރުން ތިބޭ ގޮތަށް ހުށަހަޅުއްވައިފަ އެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ނަމަވެސް، ތޯރިގު ވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ބަދަލުގައި އޭނާ ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ހިމެނުމަށެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.