ޖޭއެސްސީ

ޖޭއެސްސީ އިސްލާހުކުުރުމުގެ ބަހުސް ފަށައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާަހުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.

ޖޭއެސްސީ އިސްލާހުކުރުމަށް ތޯރިގު މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފްކޮށް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ނޮވެމްބަރު ދެވަނަ ދުވަހު އެވެ. ތޯރިގު މީގެކުރިން އެ ބިލް ހުށަހެޅުއްވުމުން އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އޭރު ވަނީ ބިލް ބޭރުކޮށްލާފަ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • ބަންޑާރަނައިބު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު

ޖޭއެސްސީ އިސްލާހުކުރުމުގައި ބިލު ހުށަހަޅުވަމުން ތޯރިގު މިއަދު ވިދާޅުވީ ބިލު އެކުލަވާލީ ރާއްޖޭގެ އެތަކެއް ގާނޫނީ ވަކީލުންނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނާ ކަމާގުޅޭ އެހެން ބޭފުޅުންގެ ލަފަޔާއެކު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކި ފަހަރު ޖޭއެސްސީއަށް ނުފޫޒު ވަންނަނީ އެކި ދިމާލުން ކަމަށެވެ. ހާއްސަކޮށް ބައެއް ވެެރިކަމުގައި ބަންޑާރަނައިބުގެ ފަރާތުން ވަންނަ ނުފޫޒުތައް ވަރަށް ބޮޑުކަން ފާހަގަކުރެއްވި އެވެ. ބަންޑާރަނައިބު ޖޭއެސްސީގައި އިންނެވުމަކީ ސަރުކާރުގެ ސީދާ ނުފޫޒު ޝަރުއީ ދާއިރާ އަށް އަދި ފަނޑިޔާރުންނަށް އޮންނާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަށް ވުރެ ބަންޑާރަނައިބުގެ ނުފޫޒު ޖޭއެސްސީގެ ތެރޭގައި ބާރުގަދަވެގެން ގޮސް ސަރުކާރުން ބޭނުންވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން އެ ބާރުގެ ތެރޭގައި އޮޕަރޭޓް ކުރަމުންދާ ގޮތަށް މީގެ ކުރިން އެބައޮތް ފެނިގެން ގޮސްފައި" ތޯރިގު ވިދާޅުވި އެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭތީ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ.

ޖޭއެސްސީ އިސްލާހު ކުރަން ހުށަހަޅާ ގޮތް

  • ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް
  • ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް

ޖޭއެސްސީގައި އިސްލާހުކޮށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން މިހާތަނަށް މަޖިލީހަށް އެއްވެސް ހުށަހެޅުމެއް އަދި އެއްވެސް ބިލެއް ހުށަހަޅާފައެއް ނުވެ އެވެ.