ހަބަރު

ހައިލަމްގެ މައްސަލަ ބަލަން ނަޝީދު ވަޑައިގަތުމުން މަޖިލިސް ހޫނުވެއްޖެ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރާ ބައްދަލުވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފައިވާތީވެ އެ ކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން މިއަދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް މެންބަރުން ސުވާލު ކުރަމުން ދަނިކޮށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ.

ސައީދު ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެންބަރު ހިސާން ހުސައިން މިއަދު މަޖިލީހުގައި ބައިވެރިވެވަޑައިނުގެން ސީދާ ޖުޑިޝަރީއަށް "ހަތަރެސް ފައި" ބޭނުމަށް މަސައްކަތް ކުރުމަށް ޖޭއެސްސީގައި އޮތް ގާޒީ ހައިލަމް ހާޒިރު ކުރާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ.

ސައީދުގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ދިމާވެގެން އުޅެނީ ނިޒާމީ ކޮން މައްސަލައެއް ކަމާއި މަޖިލިސް ހިންގުމުގައި ހިލާފު ވެފައި ވަނީ ކޮން މާއްދާއަކަށް ކަން ސީދާ ވިދާޅުވެދެއްވުމަށެވެ.

އެއަށްފަހު ސައީދު އަނެއްކާ ވެސް ތަކުރާރުކޮށް ދެއްކެވީ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ރައީސް ނަޝީދާއި ހިސާން ޖޭއެސްސީއަށް ވަޑައިގެންނެވި ވާހަކަ އެވެ. އަދި މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ މަނީ ލޯންޑަ ކުރުމުގެ ދައުވާގެ ޝަރީއަތުގައި ހުކުމް ކުރުމުގެ އަޑު އެހުމަށް ނުފޫޒު ފޯރުވަން ކަމަށް ފާހަގަ ކުރެއްވި އެވެ.

އޭގެ ފަހުން އިިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ މެންބަރުންގެ އިތުރުން ބައެއް އަމިއްލަ މެންބަރުން ވެސް ވަނީ މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އިހްތިޖާޖް ކުރައްވަން ފެށްޓެވި އެވެ. އިދިކޮޅު މެންބަރުން ނުރުހުން ފާޅު ކުރަމުން ދިޔައީ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ރައީސް ނަޝީދު ޖޭއެސްސީއަށް ވަޑައިގެންފައިވާތީ އެވެ.

ޖޭއެސްސީއަށް ގާޒީ ހައިލަމް މިއަދު ހާޒިރުކޮށްފައި ވަނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ތަހުނިޔާއެއްގައި، ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ފޮޓޯއެއް ފޮނުވާފައިވާތީ އެވެ. ހައިލަމް ފަހުން ވަނީ ފޮޓޯގައި ވަނީ ރައީސް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އިދިކޮޅު މެންބަރުން އިހުތިޖާޖް ކުރަމުން ދަނިކޮށް ނައިބު ރއީސް އީވާ ވިދާޅުވީ "މަޖިލީހުގެ ރައީސް ނަޝީދު ޖޭއެސްސީއަށް ވަޑައިގެންނެވީ ގާނޫނު އަސާސީގެ ފަސްވަނަ މާއްދާގެ ދަށުން ކަމަށާއި އެ ކަން އެނގިވަޑައިނުގަންނަވާނަމަ އެއީ ލަދުވެތި" ކަމަށެވެ.

ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވަައި މަޖިލީހުގެ ގަވާއިދާ ހިލާފުވާ މެންބަރުން ތަޅުމުން ބޭރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއްވެސް މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރެއް ނުކުރެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް އިދިކޮޅު މެންބަރުން ވަނީ ޖޭއެސްސީން ގާޒީ ހައިލަމްގެ މައްސަލަ ބަލަން ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖް ކުރައްވައިފަ އެވެ.